އަނގައިން ނުބައި ވަސް ދުވުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއްގެ އިތުރުން އެހާމެ ލަދުވެތި ކަމެއް ވެސްމެ އެވެ. މި ލިޔުމުގައި މި ބަލާލަނީ އަނގައިން ދުވާ ނުބައި ވަސް ފިލުވާލައި ދުޅަހެޔޮ އަނގައިގެ ސިއްހަތަކަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.

ބޭކިން ސޯޑާ

ބޭކިން ސޯޑާ އަކީ އަނގައިގެ ތެރޭގައި ހުންނަ ވަސް ފިލުވާލައި އަނގައިގެ އެތެރޭގައި ހުންނަ އެސިޑް އެއްވަރެއްގައި ހިފަހައްޓައިދޭ އެއްޗެކެވެ. އެއް ސަމުސާ ބޭކިން ސޯޑާގެ ތެރެއަށް އެއް ޖޯޑް ފެން އެޅުމަށް ފަހު ކޮންމެ ދުވަހަކު އެފނުން އަނގަ ދޮވެލާށެވެ. ދަތް އުނގުޅާ ބޭހެއްގެ ބަދަލުގައި ވެސް ބޭކިން ސޯޑާ ބޭނުން ކުރެވިދާނެ އެވެ. މިގޮތަށް ހަފްތާ އަކު ކަންތައް ކޮށްލުމުން އެދެވޭ ނަތީޖާއެއް ފެނިދާނެ އެވެ.

ގްރީން ޓީ

ގްރީން ޓީ އަކީ ހަށިގަނޑަށް އެކި ގޮތްގޮތުން ފައިދާ ކުރާ އެއްޗެކެވެ. ގްރީން ޓީ އަކީ އަނގައިގެ ތެރޭގައި އުފެދޭ ބެކްޓީރިއާތައް މަދުކޮށް ކޮބަޑި އުފެދުން މަދުކޮށްދޭ ބުއިމެކެވެ. ކޮންމެ ދުވަހަކު އެއްތަށި ގްރީން ޓީ ބޯލާށެވެ. ދުވަސްކޮޅަކުން އެކަމަށް އާދަވެ އެ ބުއިން މީރު ބުއިމަކަށް ވެދާނެ އެެވެ.

އެޕަލް ސިޑާ ވިނެގާ

ކާ އެއްޗެހި ހަޖަމް ކުރުމުގައި މައްސަލަ ހުރުމުގެ ސަބަބުންވެސް އަނގައިން ނުބައިވަސް ދުވަ އެވެ. އެޕަލް ސިޑާ ވިނެގާ އަކީ މިދެކަމަށް ވެސް އޮތް ހައްލެކެވެ. އެއް ސަމުސާ އެޕަލް ސިޑާ ވިނެގާގެ ތެރެއަށް އެއް ޖޯޑު ފެން އަޅާށެވެ. އަދި ކޮންމެ ކޮންމެ ނާސްތާއެއްގެ ބައިގަޑި އިރު ކުރިން ބޯލާށެވެ.

ފެން

އަނގަތެރެ ހިކުން ނުދީ ފެން ބޯށެވެ. ކާ އެއްޗެހި އަނގައިގަ ހުރުމުގެ ސަބަބުން އަނގައިން ނުބައި ވަސް ދުވަ އެވެ. ކެއުމަށްފަހު ފެން ބޯށެވެ. އަދި ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބޯން ހަނދާން ކުރާށެވެ.