އިންޑޮނޭޝިއާގެ މަޝްހޫރު ޓޫރިސްޓް ރަށެއް ކަމަށްވާ ބާލީއަށް ބާރުގަދަ ބިން ހެލުމެއް އަތުވެއްޖެ އެވެ. ޖެހިޖެހިގެން އެއްފަހަރާ އައި ދެބިން ހެލުމުގައި 7.0 އާ 6.1 ގެ މެގްނެޓިއުޑް ބާރުމިން ހުރި ކަމަށްވެ އެވެ.

ގާތްގަނޑަކަށް 515 ކިލޯމީޓަރު އަޑީގައި ހިނގި މި ބިން ހެލުމުގެ ސަބަބުން ބާލީގެ އިމާރާތްތައް ވަރަށް ބޮޑަށް ގުޑައިގެން ދިޔަ ކަމަށް ޚަބަރުތައް ބުނެ އެވެ.

ބާލީގެ ހުރިހާ ހޮޓަލަކުން ވެސް އެވަގުތު މީހުން ހުސްކުރި އެވެ. ބައެއް ޓޫރިސްޓުން ބުނި ގޮތުގައި ހޮޓަލުން ބޭރު ވާން ހަޅޭލަވަމުން ދިޔަ އަޑަށް ހޭލެވުނުއިރު އިމާރާތް ދިޔައީ ބާރަށް ހެލެމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ހެލުން ގާތްގަނޑަކަށް ދެ މިނިޓަށް ދެމިގެން ދިޔަ އެވެ.

ބިން ހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް މިހާތަނަށް ދީފައެއް ނުވެ އެވެ. އިންޑޮނޭޝިއާއަށް ދެތެރެ ދޭތެރެއިން ބިންހެލުމުގެ ހާދިސާތައް އަންނަނީ ކުރިމަތިވަމުންނެވެ. މިދިޔަ އަހަރު ޑިސެމަބަރު މަހު ވެސް ބިންހެލުމުގެ އެތައް ހާދިސާއަކާ އެ ގައުމަށް ކުރިމަތިވި އެވެ. 2021 ވަނަ އަހަރު ނޮވެމްބަރު މަހު އައި ބިންހެލުމެއްގައި 331 މީހުން މަރުވެ 600 މީހުން ޒަޚަމް ވިއެވެ. އޭގެ ކުރިން 2018 ވަނަ އަހަރު އައި ބިން ހެލުމެއްގައި 4،340 މީހުން މަރުވި އެވެ.

އިންޑޮނޭޝިއާ އޮންނަ ހިސާބުގެ ސަބަބުން އެ ގައުމަށް އާންމުކޮށް ބިންހެލުމާއި ސުނާމީ އާއި އަލިފާން ފަރުބަދަ ގޮވުން ފަދަ ހާދިސާތައް މެދުވެރިވެ އެވެ.