މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ނައިބު ރައީސް ފައިސަލް ނަސީމް ރޭ އިފްތިތާހު ކޮށްދެއްވައިފި އެވެ.

މި ރަސްމިއްޔާތު އޮތީ ރޭ، މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ހުންނަ ވެމްކޯގެ ސައިޓްްގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވިދާޅުވީ، ކުނި މެނޭޖްކުރުމާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަކީ، މި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރިޔަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށާއި، މި މަޝްރޫއު މުޅިން ނިމިގެންދާއިރު، ކުންޏަކީ އެއިން ނަފާ ހޯދޭ އަގުހުރި އެއްޗަކަށް ވެގެންދާނެ ކަމަށެވެ. އަދި ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ދަށުން، ތިލަފުށީގައި ކުނި އެންދުން ހުއްޓާލުމާއި، އަތޮޅުތަކުގައި ކުނި މެނޭޖްކުރުމަށް ކުރެވިފައިވާ މަސައްކަތްތައް ވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

މާލެ ސަރަހައްދުގެ ކުނީގެ މައްސަލައިގެ މައްޗަށް އަލިއަޅުއްވާލައްވައި، ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި ބޮލަކަށް އެއްކިލޯގެ ކުނި ދުވާލެއްގެ މައްޗަށް އުފެދޭއިރު އެއީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ. އަދި ކުނީގެ މައްސަލައަށް ހައްލު ހޯދުމުގައި ކުނި އުފެދޭ މިންވަރު މަދުކުރުމާއި ކަނޑުފަޅާއި ގޮނޑުދޮށްތަކާއި އާންމު ތަންތަނަށް ކުނި ނޭޅުމުގެ މުހިއްމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ވެށީގެ ސާފުތާހިރުކަމަކީ ތަހުޒީބު މުޖުތަމައުތަކުން ފެންނާނެ އެންމެ މުހިންމު އެއްކަންތަކުގެ ގޮތުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ އިޤުތިޞާދާއި ތިމާވެއްޓާއި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ގުޅިފައި ވަނީ، ރާއްޖޭގެ ކަނޑުފަޅާއި ގޮނޑުދޮށްތަކުގެ ރީތިކަމުގެ މައްޗަށް ކަމުގައި ވުމުން، މޫދަށާއި ގޮނޑުދޮށްތަކަށް ކުނިބުންޏާއި ޕްލާސްޓިކްގެ ބާވަތްތައް އުކާލުމުން ކުރާނެ ނޭދެވޭ އަސަރުތައް ބޮޑު ކަމަށެވެ. އަދި ޕްލާސްޓިކް ކުނީގެ ސަބަބުން ފަރުތަކަށް ގެއްލުން ލިބޭއިރު، ސިއްހަތަށް އޮތް ނުރައްކާ ބޮޑުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: ރައީސް އޮފީސް

މާލޭގައި ގާއިމްކުރެވުނު އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ، ޒަމާނުއްސުރެ މާލޭގައި ކުނި މެނޭޖުކުރުމަށާއި، އެކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތަކަށް އެކަށީގެންވާ ހައްލެއް ގެނައުމުގެ މަޤުސަދުގައި ޒަމާނީ ވަސީލަތްތައް އެކު ބިނާކޮށްފައިވާ 65 ހާސް އަކަފޫޓުގެ ޖާގަ ތަނަވަސް މަރުކަޒެކެވެ.

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

އަދި މި މަރުކަޒު ފަރުމާކޮށްފައި ވަނީ، ތިމާވެއްޓާއި ރައްޓެހި އަދި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. މި ސެންޓަރުން ތިލަފުއްޓަށް ކުނިއުފުލާނީ ކޮންޓޭނަރުތަކުގައި ކުނި ބަންދުކޮށްގެންނެވެ. މީގެ އިތުރުން މާލޭ ވޭސްޓް ޓްރާންސްފަ ސްޓޭޝަންގައި ހިމެނޭ އިދާރީ މަސައްކަތްތައް ހިންގާ ޢިމާރާތަކީ، ކާރިސާ އަދި މޫސުމީ ހިރާސްތަކުން ރައްކާތެރިކަން ހޯދޭނޭ ގޮތަށް ފަރުމާކޮށްފައިވާ ޢިމާރާތެކެވެ.