ނޭނގި ހުއްޓާ ވެސް ގައިން ހީބިހި ނަގާފާނެ އެވެ. މީހަކު ބަލާލާ ގޮތަކުންނެވެ. ހަށިގަނޑުގެ ފިނިހޫނު މިނަށް އަންނަ ބަދަލަކުންނެވެ. ނުވަތަ ޖަޒުބާތުތަކާ ކުޅެލާފަދަ އަޑެއް ނުވަތަ ލަވައެއް އިވުމުންނެވެ. ކޮންމެއަކަސް ހީބިހި ނެގުމަކީ އަހަރުމެން އެންމެންނަށް ވެސް ކުުރިމަތިވާ އެކަމަކާމެދު މާބޮޑު ފިކުރެއް ކުރެވިފައި ނުވާ ކަމެކެވެ.

ހާވަޑް ޔުނިވަސިޓީ އާއި އޮކްސްފޯޑް ޔުނިވަސިޓީގެ ޕްރޮފެސަރުންތަކެއް ގުޅިގެން ހެދި ދިރާސާއެއްގައި ބުނާ ގޮތުން ހީބިހި ނެގުމަކީ މީހާގެ ސިއްހަތާއި ޝަހުސިއްޔަތު ވެސް ރަމްޒުކޮށްދޭ ކަމެކެވެ. އަދި އެއީ ދުޅަހެޔޮ ސިއްހަތެއްގައި އުފާވެރި ދިރިއުއުޅުމެއްގައި މީހާ ހުރި ކަމުގެ ނިޝާނެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ހީބިހި ނެގުމަކީ ހަށިގަނޑުގެ ހޯމޯން ތަކަށް އަންނަ ކުއްލި ބަދަލެއްގެ ރިއެކްޝަން އެއްކަމަށް އެ ދިރާސާގައި ފާހަގަކޮށްފައިވާއިރު ގައިން ހީބިހި ނެގުމަކީ މީހާ ރަނގަޅު މޫޑެއްގައި ހުރިކަން ވެސް ދައްކުވައިދޭ ކަމެއް ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

ދިރާސާ ހެދުމަށް 100 އެއްހާ މީހުންގެ ހިއްސުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް، މޮނިޓަރިން ޑިވައިސްއެއް ހަރުކޮށްގެން ލައިވް މިއުޒިކް ޝޯއެއް ބަލަން ދޫކޮށްލި އެވެ. ނަތީޖާ އިން ދެއްކީ ޝޯ ބަލައިގެން ލިބުނު އުފާވެރި އިހުސާސްތަކާ އެކު ގިނަ މީހުންގެ ގައިން ހީބިހި ނެގި ކަމެވެ.

އެގޮތުން ލައިވް ޝޯ ބަލައިގެން އަންހެނުންގެ ތެރެއިން 55 ޕަސެންޓް މީހުންނަށް ހީބިހި ތަޖުރިބާ ކުރަން ޖެހުނު އިރު، ފިރިހެނުންގެ ނިސްބަތް އުޅެނީ 46 ޕަސެންޓްގަ އެވެ.

ދިރާސާގައި ބުނި ގޮތުގައި ހީބިހި ނެގުމަކީ ކަންކަމާ ދޭތެރޭ ޕޮޒިޓިވްކޮށް ދެކުމާއި އެހެން މީހުންނާ އޮންނަ ގުޅުމުގެ ވަރުގަދަކަން ވެސް ދައްކުވައި ދޭނެ ކަމެކެވެ. އަދި އެއީ ލިބޭ ބޮޑު ކާމިޔާބީއަކާ ގުޅިގެން ވެސް ދިމާވާ ކަމެއް ކަމަށް ބުންޏެވެ. އެގޮތުން މަތީ ފާހެއް ހާސިލުވުބް ފަދަ އުފާވާ ކަހަލަ ކަންކަމަކީ ހީބިހި ނެގުމަށް މެދުވެރި ކުރުވާ ކަންކަމެވެ.