މިިދިޔަ މަހު ނެރުނު "ގަދަރް 2"އަށް ލިބުނު ބޮޑު ކާމިޔާބާއެކު އެ ފިލްމު އޮސްކާ އެވޯޑްސްއަށް ހުށައެޅުމުގެ ޝައުގުވެރިކަން ފިލްމުގެ ޕްރޮޑިއުސަރު އަނިލް ޝަރްމާ ފާޅުކޮށްފި އެވެ.

އަނިލް ބުނީ އެކަމަށް އެދި އޭނާއަށް ގިނަ ފޯނުތަކެއް ވެސް ލިބެމުން އަންނަ ކަމަށާއި އެހެން ކަމުން އެކަމާ މެދު ވިސްނަމުން އަންނަ ކަމަށެވެ.

2001 ވަނަ އަހަރު ނުކުތް ގަދަރުގެ ފުރަތަމަ ފިލްމު "ގަދަރް: އޭކް ޕްރޭމް ކަތާ" އަށްވެސް ބައިނަލްއަގްވާމީ އެވޯޑެއް ލިބުން ހައްގު ކަމަށާއި އެހެން ނަމަވެސް އެކަން ވެފައި ނުވާތީ "ގަދަރް 2" އޮސްކާއަށް ހުށައެޅްން މުހިއްމު ކަމަށް ވެސް އަނިލް ބުންޏެވެ.

ގަދަރް 2 ނުކުތްތާ މަހެއް ވާން ކައިރިވެފައިވާއިރު އަދިވެސް އެ ފިލްމު އަންނަނީ ސިނަމާތަކުގައި ދައްކަމުންނެވެ. މިހާތަނަށް އެ ފިލްމަށް 400 ކްރޯޑް ރުޕީސްއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.

ސަނީ ޑިއޯލް، އަމީޝާ ޕަޓޭލް އަދި އުތުކަރްޝް ޝަރްމާ ލީޑު ރޯލުން ފެންނަ ގަދަރް 2 އަށް އަންނަނީ އާއްމުންނާއި ފިލްމް ކްރިޓިކްސްގެ ފަރާތުން ވެސް ތައުރީފް ލިބެމުންނެވެ.

މީގެ ކުރިން އޮސްކާ ލިބިފައިވާ އިންޑިއާގެ ފިލްމުތަކުގެ ތެރޭގައި "ސްލަމް ޑޯގް މިލިއަނާ"، " ދަ އެލެފަންޓް ވިޝްޕަރާސް" އަދި "އާރްއާރްއާރް" ހިމެނެ އެވެ.