ހިތުގެ ބަލިތައް ޖެހޭ އަންހެނުންނަށް އެ ބަލިން ކުރާ އަސަރު ފިރިހެނުންނަށް ވުރެ މާ ބޮޑުތަން އިތުރު ކަމަށް މިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

އެގޮތުން ހާޓްއެޓޭކްއާއި އެނޫންވެސް ހިތުގެ ބަލިތައް ޖެހޭ އަންހެނުންގެ ބޮޑު އިންސައްތައެއް އެ ބަލިތަކުގައި މަރުވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

މި ދިރާސާއަކީ އަވަށްޓެރި އިންޑިއާ ހިމެނޭހެެން ތަފާތު 15 ގައުމަކުން މައުލޫމާތު އެއްކޮށްގެން ހަދާފައިވާ ދިރާސާ އެކެވެ. މި ދިރާސާގައި ހިތުގެ ބަލިތަކުގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު ތަފާތެއްވާކަން ސައިންސްވެރިންނަށް އެނގިފައިވެ އެވެ.

އެގޮތުން ބަލާއިރު އަންހެނުންނަށް ހިތުގެ ބަލިތަކުގެ ކުރީކޮޅުގައި ގިނަފަހަރަށް އަލާމާތްތައް ނުފެނުމަކީ ފަރުވާ ލަސްވެ ފުރާނައަށް ނުރައްކާވާން މެދުވެރިވާ ސަބަބެއް ކަމަށް އެ ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.

" ހިތުގެ ބަލިތަކުގެ އަލާމާތްތަކާއި އެ ބަލިތަކަށް ދެވޭ ފަރުވާއާއި ބަލި ދެނެގަތުމުގައި ވެސް އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތު ތަކެއް ފާހަގަ ކުރެވިފައިވޭ" ދިރާސާ ހެދުމުގައި ބައިވެރިވި ސައިންސްވެރިޔަކު ބުނެފައިވެ އެވެ،

މި ދިރާސާގައި ޒުވާން އުމުރުގައި ހިތުގެ ބަލިތައް ޖެހޭ އަންހެނުންގެ އަދަދު އިތުރުވާ ކަން ފާހަގަ ކުރަމުން ބުނެފައިވަނީ މިކަމަށް ފަރުވާ ނުކުރެވިއްޖެނަމަ މިއީ އަންހެނުންގެ ސިއްހަތަށް ހުރި ބޮޑު ނުރައްކަލަކަށް ވާނެ ކަމަށެވެ.

އެހެން ކަމުން ދެޖިންސުގެ މީހުން ވެސް ހިތުގެ ދުޅަހެޔޮ ކަމަށް ވިސްނާ ހިތުގެ ސިއްހަތަށް ގެއްލުންވާނެ އާދަތަކުން ދުރުވުމަށް ދިރާސާގައި އިލްތިމާސް ކޮށްފައިވެ އެވެ.