ހަރު އުމުރުގެ މީހުންނާއި އުމުރުން ދުވަސްވީ މީހުން ރޭގަނޑުގެ އަރާމު ނިދި ހޯދުމަށްޓަކައި ކޮޓަރީގެ ފިނި ހޫނުމިން ބަހައްޓަން އެންމެ ރަނގަޅީ 20 ޑިގްރީ ސެލްސިއަސްއާއި 25 ޑިގްރީ ސެލްސިއަސްއާ ދެމެދު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ނިދާ ކޮޓަރީގެ ފިނި ހޫނުމިން 30 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވެއްޖެނަމަ 65 އަހަރުން މަތީގެ މީހުންނަށް ރޭގަނޑުގެ ހަމަނިދި ލިބުން ފަސް ޕަސެންޓް ދަށްވާ ކަމަށް ވެސް އެ ދިރާސާއިން ހޯދިފައިވެ އެވެ.
މި ދިރާސާގައި އިތުރަށް ބުނެފައިވަނީ ދިގު މުއްދަތެއްގައި މިހެން ނިދުމަށް އަސަރު ކުރުމަކީ ޑިމެންޝިއާއާއި އެނޫންވެސް ސިކުނޑީގެ ބަލިތަކަށް މަގުފަހިވާ ކަމެއް ކަމަށެވެ.
އެމެރިކާގެ ޔުނިވާސިޓީއަކުން ހެދި މި ދިރާސާގައި އިތުރަށް ބުނެފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހުން ނިދާ ކޮޓަރިތަކުގެ ފިނިހޫނުމިން ބެހެއްޓުން އެންމެ ރަނގަޅީ 25 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިނުވާ ގޮތަށް ކަމަށެވެ.
އެގޮތުން އޭސީގެ ފިނިހޫނުމިން ބަހައްޓާއިރު ވަކި ވަކި ފަރުދުންގެ ބޭނުންތަކަށް ވިސްނުމަށްފަހު އެންމެ އެކަށޭނަ މިންވަރެއްގައި ބެހެއްޓުން މުހިއްމު ކަމަށް އެ ދިރާސާގައި ފާހަަގަ ކޮށްފައިވެ އެވެ.
މީގެ އިތުރުން މޫސުމަށް އަަންނަ ބަދަލުތަކާއި އިންސާނުންގެ ނިދުމާ ހުރި ގުޅުމަށް ވެސް މި ދިރާސާގައި އަލިއަޅުވާލާފައިވެ އެވެ. އެގޮތުން ހޫނު ގައުމުތަކުގައި އުޅޭ މީހުންގެ ނިދީގެ ކޮލިޓީ އެހެން މީހުންނަށްވުރެ ދަށް ކަމަށް ބުނެފައިވެ އެވެ.
އެހެން ކަމުން ދުވަސްވީ އުމުރުގައި ރަނގަޅު ސިއްހަތެއްގައި ހުރުމަށްޓަކައި އެކަށޭނަ ފިނިހޫނު މިނެއްގެ މާހައުލެއްގައި ނިދުމަށް މި ދިރާސާގައި ބާރުއަޅާފައިވެ އެވެ.