އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ދިވެހިންގެ އިންފާރުމަތިން ނާރާހާ ހިނދަކު ހުރިހާ ގައުމާކާ ވެސް ގުޅުން އޮންނާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީން އިންތިޒާމުކޮށްގެން ރޭ ބޭއްވި ސަންގު ބަހުސްގައި ވަނީ މުއިއްޒަށް ވެރިކަން ލިބިއްޖެ ނަމަ އޭނާގެ ވެރިކަމެއްގައި ގެންގުޅޭނެ ހާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ދިވެހިންގެ ގޯތީގެ ވަށާފާރުން ނާރާހާ ހިނދަކު ކޮންމެ ގައުމަކާ ވެސް ގާތްގުޅުމެއް ބާއްވާނެ ކަމަށެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރާނީ ދިވެހިން ކޮންމެ ކަމެއްގައި ވެސް އިސްކޮށް ދިވެހިންނަށް ފައިދާވާނެ ގޮތަށް ކަމުގައި ވެސް މުއިއްޒު ވިދާޅުވި އެވެ. ދިވެހީންގެ ކުރިއެރުމާއި ތަރައްގީއަށް އެހީތެރިވެދޭ ކޮންމެ ގައުމަކާ ވެސް އޮންނާނީ ރަނގަޅު ގުޅުމެއް ކަމަށާ ހާއްސަކޮށް ދިވެހީން ދިރިއުޅޭ ގައުމުތަކުގައި އެ ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ވާން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާއި އެއްވެސް ގައުމަކާ ރުޅިވެރިކަމެއް ނޯންނާނެ. މި ދެންނެވި ހަމަ 'ދިވެހީންނަށް އެންމެ ހެޔޮގޮތް' ގަބޫލުކުރާ ކަމުގައި ވަންޏާ. ދިވެހީންގެ ގޯތީގެ ވަށާފާރު މަތީން ނާރާހާ ހިނދަކު އަޅުގަނޑުމެންނާއި ގާތް ގުޅުން އޮންނާނެ ކޮންމެ ގައުމަކާ ވެސް،" މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގައި ބޭރު ސިފައިން ތިބުމާ މެދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބެގެން ނުވާނެ ކަމަށެވެ. އަދި އެއީ ދިވެހިން ބޭނުންވާ ގޮތެއް ނޫންކަމަށާއި، އެކަން ނިމުމަކަށް ގެންނަވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަމަށް ރައީސް ސޯލިހު ވިދާޅުވާ ވިދާޅުވުމަށް ރައްދު ދެއްވައި ޑރ. މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން އެބަތިބިކަމަށާއި، އެ މީހުން މި ގައުމުން ފައިބަން ޖެހޭ ކަމަށެވެ. އަދި ދިވެހިންގެ މިނިވަންކަން އިއާދަވާންޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ބޭރުގެ ނުފޫޒުގެ ސަބަބުން އަޅުގަނޑުމެން ކަނޑުން ބައެއް ވެސް ގެއްލުނީ. މަސްކަނޑުގެ ބޮޑު ބައެއް ގެއްލިގެން ދިޔައީ މި އަޅުވެތިކަމުގެ ސަބަބުން. އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ އަމިއްލަވަންތަކަން އަނބުރާ ހޯދަން،ޕ" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އިގްތިސާދު ކުރިއަށް ގެންދެވި، އަމިއްލަވަންތަކަން ދަމަހައްޓައި ރައްޔިތުންނަށް ފައިދާ ހުރި ސިޔާސަތަކަށް ހާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށެވެ.