އެމެރިކާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޖޯ ޖޯނަސްއާއި އޭނާގެ އަންހެނުން ސޯފީ ޓާނާގެ ކައިވެނި ނިމުމަކަށް ގެންނަން ޖޯ ކޯޓަށް ހުށައަޅައިފި އެވެ.

ހަތަރު އަހަރުގެ ކައިވެންޏަކަށްފަހު ސޯފީ ވަރިކުރަން ކޯޓަށް ހުށައެޅި މައްސަލާގައި ޖޯ ބުނެފައިވަނީ އޭނާ ކައިވެނިކުރީ އޭނާގެ މިޒާޖާ މުޅިން ތަފާތު މީހަކާ ކަމަށެވެ.

ޖޯ، އެދެމަފިރިންގެ ކައިވެނި ރޫޅާލަން ކޯޓަށް ހުށައަޅާފައި މިވަނީ މީޑިއާގައި އެވާހަކަ ދެކެވެމުން އަންނަތާ ދުވަސްތަކެއް ވީ ފަހުންނެވެ. ޖޯއާއި ސޯފީގެ ދެމެދުގައި މައްސަލަތަކެއް އުޅޭކަން މީޑިއާއިން ވަރަށް ކުރިން ވަނީ ރިޕޯޓު ކޮށްފަ އެވެ.

ޖޯއާއި ސޯފީގެ ކައިވެންޏަށް ދެ އަންހެން ކުދިން ލިބިފައިވެ އެވެ. ދޮށީ ދަރިފުޅަށް ތިން އަހަރު ފުރިފައިވާއިރު ހަގު ދަރިފުޅުގެ އުމުރަކީ އެންމެ 14 މަހެވެ.

ވަރިއަށް އެދި ހުށައެޅި މައްސަލާގައި ޖޯ ވަނީ އެ ދެމީހުންގެ ދަރިންގެ "ޖޮއިންޓް ކަސްޓަޑީ"އަށް ވެސް އެދިފަ އެވެ. އެގޮތުގެ މަތިން ދަރިންގެ ދިރިއުޅުމުގައި ދެފަރާތުގެ ބައިވެރިވުން ވެސް ހިމެނޭނެ އެވެ.

ޖޯއަކީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބޮލީވުޑްގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ ނިކް ޖޯނަސްގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ.