ޔުރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) ނުވަތަ ޔޫރިން އިންފެކްޝަނަކީ ދިވެހިންގެ މެދުގައި ވަރަށް އާއްމު ބައްޔެކެވެ. ވަގުތު އޮއްވާ ފަރުވާ ނުކުރެވިއްޖެ ނަމަ މިއީ ކިޑްނީ ބަލިތައް ފަދަ ކުޑަކަމުދާ ނިޒާމުގެ ނުރައްކާތެރި ބަލިތަކަށް މަގުފަހި ކުރުވާ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ޔޫޓިއައާ ބެހޭ ގޮތުން އެނގެން ޖެހޭ ބައެއް ކަންކަމަށެވެ.

ޔޫޓީއައި ޖެހޭ އާއްމު ސަބަބުތަކަކީ ކޮބާ؟

ފެން ބޯ މިންވަރު މަދުވުމަކީ މައިގަނޑު ގޮތެއްގައި ޔޫޓީއައި އަށް މަގުފަހިކުރުވާ ސަބަބެވެ. ފެނަކީ އިންސާނާގެ ހަށިގަނޑުގެ އެކި ގުނަންތަކުގެ ހިންގުމަށް ބޭނުންވާ ތެލެވެ. ޔޫޓީއައި އާއި އެ ނޫންވެސް ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކުގެ އެންމެ މައިގަނޑު ސަބަބަކީ ވެސް ފެން ބޯ މިންވަރު މަދު ވުމެވެ.

ސާފުތާހިރުކަން ބަހައްޓަންޖެހޭ މިންވަރަށް ސަމާލުނުވެ ޖިންސީ ގޮތުން ގައިގޯޅިވެ ވުމާއި، ކުޑަކަމުދާ ތަކެތި ހިފަހައްޓައިގެން ގިނަ ވަގުތު ހޭދަކުރުމާއި ބަނޑު ހަރުވުން (ކޮންސްޓިޕޭޝަން) ފަދަ ކަންކަން ހުކުމަކީ ކުޑަކަމުދާ ހޮޅީގައި ބެކްޓީރިއާ އަށަގަތުމަށް މެދުވެރިވާ ކަންތައްތަކެވެ.

މީގެ އިތުރުން ވެސް ލޭގައި ހަކުރު ހުރުމާއި، ކިޑްނީގައި ހިލަ ހުރުމަކީ ވެސް ކުޑަކަމުދާ ހޮޅޫގައި ޖަރާސީމު އަށަގަންނަ ކަންކަމެވެ.

އެއާއެކު އެތެރެއިން ބޭނުންކުރާ އަންނައުނާއި ޕީރިއަޑް ދުވަސްވަރު އަންހެނުން ބޭނުންކުރާ ސެނިޓަރީ ޕެޑް ފަދަ ތަކެތި ބަދަލު ނުކޮށް ގިނަ ވަގުތު ހޭދަކުރުމަކީ ވެސް ކުޑަކަމުދާ ހޮޅީގައި ވަރަށް ފަސޭހަ އިން ޖަރާސީމު އަށަގަންނަ ކަމެކެވެ.

ޔޫޓީއައިގެ އެންމެ އާއްމު އާލާމާތްތަކަކީ ކޮބާ؟

އެކި މީހުންނަށް ޔޫޓީއައިގެ އަލާމާތްތައް ތަފާތުވި ނަމަވެސް އާއްމު ގޮތެއްގައި ޔޫރިން އިންފެކްޝަން ޖެހޭ މީހުންގެ ކިބައިން ފެންނަ އަލާމާތްތަކެއް ހުރެ އެވެ.

އޭގެ ތެރޭގައި ގަދައަށް ހުން އައުމާއި މާ ގިނައިން ކުޑަކަމުދާން ޖެހުމުގެ އިތުރުން ކުޑަކަމުދާއިރު ދިލަނެގުން ފަދަ ކަންކަން ހިމެނެ އެވެ. ޔޫރިން އިންފެކްޝަން މާ ގަދަވެއްޖެނަމަ މީހާގެ ހެއަަށް ވެސް ގޮތްވެ އެވެ.

އެހެން ނަމަވެސް މިއިން އަލާމާތެއް ނުފެނި ވެސް ޔޫޓީއައި ޖެހިފައި ހުރެދާނެ އެވެ.

ނުރައްކާ ބޮޑީ ކޮން ބަޔަކަށް؟

ޔޫޓީއައިގެ ނުރައްކާ އެންމެ ބޮޑީ އަންހެނުންނަށް ކަމަށް ވިޔަސް ފިރިހެނުންގެ މެދުގައި ވެސް މިއީ އާއްމު ބައްޔެކެވެ. އަންހެނުންނަށް ޔޫޓީއައިގެ ނުރައްކާ ބޮޑުވަނީ ގުދުރަތީ ގޮތުން ޖިންސީ ގުނަވަން އުފެދިފައި ހުންނަ ގޮތުން ޖަރާސީމު ވަންނަން ފުރުސަތު ބޮޑުވާތީ އެވެ.

ޔޫޓީއައިގެ ފަރުވާއަކީ ކޮބާ؟

ކުރިން ދެންނެވުނު ފަދަ އަލާމާތްތައް ފާހަގަވާނަމަ އެންމެ ރަނގަޅުވާނީ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކައި ޑޮކްޓަރުގެ އިރުޝާދުގެ މަތިން ބޭސް ބޭނުން ކުރުމެވެ.

އެހެން ނަމަވެސް މިކަމުން ދުރުހެލިވާން ގޭގައި ކުރެވިދާނެ ކަންކަމުގެ ތެރޭގައި ގިނައިން ފެން ބުއިން، ސާފުތާހިރު ކަމަށް އިސްކަން ދިނުން އަދި ގިނައިން ކްރޭންބެރީ ޖޫސް ބޭނުން ކުރުން ހިމެނެ އެވެ.

އެހެން ކަމުން މިކަންކަމަށް ވިސްނައި އެކަންކަމަށް ސަމާލުވެ ތިބުމަކީ ތިބާގެ ސިއްހަތު ނުރައްކަލަށް ހުށަހެޅުން ކުޑަކޮށްދޭނެ ކަމެކެވެ.