މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު އެ ޕާޓީން ވަކިވެ، އިދިކޮޅު ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މެމްބަރުކަމުގައި ތިންވަނަ ދައުރު ފުރުއްވަމުން ގެންދަވާ ޒަމީރުއަކީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރެކެވެ.

ޒަމީރު އެމްޑީޕީން ވަކިވެވަޑައިގެން ޕީޕީއެމްއަށް ސޮއިކުރެއްވުމަށްފަހު އޭނާގެ މެންބަޝިޕް ފޯމް ހަވާލުކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ އެވެ.

ޒަމީރަކީ އެމްޑީޕީގެ އެތެރޭގެ ކޯޅުމުގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެއްކޮށް މިހާތަނަށް ހުންނެވި ބޭފުޅެކެވެ. އެކަމަކު، ފަހަކަށް އައިސް ހުންނެވީ ސިޔާސީ ކަންކަމާ ދުރުގައި ހިމޭނުންނެވެ.

ޒަމީރު ވިދާޅުވި ގޮތުގައި އޭނާ ޕީޕީއެމްއަށް ސޮއި ކުރެއްވީ މާލޭގެ މޭޔަރުކަމުގައި ޑރ. މުއިއްޒުގެ ގާބިލްކަމާއި ރޭވުންތެރިކަން ފެނި ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރެވިއްޖެނަމަ ނަތީޖާ ނެރެދެއްވާނެތީ އެވެ.

މާލޭގެ މޭޔަރާ އެކު މާލެ ސިޓީ ކައުންސިލްގައި 19 ކައުންސިލަރުން ތިއްބަވާއިރު ޒަމީރު ޕީޕީއެމްއަށް ކުރެއްވި ސޮއިކުރެއްވުމާ އެކު ޕީޕީއެމްގެ ކައުންސިލަރުންގެ އަދަދު ވަނީ 10 އަށް އިތުރުވެފަ އެވެ.