މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވީހާވެސް އަވަހަށް ވޯޓުލުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުލުން ހެނދުނު 8.00 ގައި ފެށިފައިވާއިރު އިންތިޚާބުގެ ވޯޓުލުން ނިމޭނީ ހަވީރު 4.00 ގައެވެ. ވޯޓުލުމަށް ކިއުގައި ބަޔަކު ނެތްނަމަ ހަވީރު 4.00 ގައި ވޯޓު ފޮށި ބަންދުކޮށް 4.30 ގައި ވޯޓު ގުނުން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.
ވޯޓުލުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ފަހު ވަގުތާ ހަމައަށް މަޑުނުކޮށް ހުރިހާ އެންމެން ކުރިއާލައި ވޯޓުލާ މަރުކަޒުތަކަށް ގޮސް ވޯޓުދިނުމުގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.
"އެބޭފުޅަކަށް ފެނިވަޑައިގަންނަވާ ބޭފުޅަކަށް ވީހާވެސް އަވަހަކަށް ވަޑައިގެން ވޯޓުދެއްވުމަކީ އަޅުގަނޑުމެން އެދޭ އެދުމަކީ. ހަތަރެއް ޖަހާއިރަކީ ވޯޓުލާ ފޮށި ބަންދުކުރާ ވަގުތު އެހެންވީމާ އެއަށްވުރެ ކުރިން ވޯޓުދެއްވުމަކީ އަޅުގަނޑުމެންގެ އެދުމަކީ އަދި އިލްތިމާސަކީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މި އިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ ރިޔާސީ އިންތިހާބެވެ. އެގޮތުން މި އިންތިޚާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރައްވާ ފަސް ބޭފުޅުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282395 މީހުންނަށް ލިބިފައިވާއިރު ޖުމްލަ 574 ވޯޓު ފޮށި ވަނީ ބަހައްޓައިފަ އެވެ. މާލެ ސަރަހައްދުގައި އެކަނިވެސް 176 ފޮށި ބަހައްޓަން ނިންމާފައި ވާއިރު ރާއްޖޭން ބޭރުގެ ފަސް ގައުމެއްގައި އަށް ފޮށި ބަހައްޓާނެ އެވެ. މިއީ މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިހާބެވެ.
ރިޔާސީ އިންތިހާބަށް ހާއްސަ ކޮށްގެން 285219 ވޯޓު ކަރުދާސްކޮޅު ޗާޕްކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި މި އިންތިހާބުގައި 5،500 ގިނަ އޮފިޝަލުން ހަރަކާތްތެރިވެ އެވެ.
އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ޕާޓީތަކާއި މީޑިއާތައް ހިމެނޭހެން އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި 1،700 އަށްވުރެ ގިނަ މީހުން ބައިވެރިވެ އެވެ. މިއީ ރިޔާސީ އިންތިޚާބު މޮނިޓަރކުރުމަށް ވެސް މިހާ ގިނަ ބަޔަކު ބައިވެރިވާ ފުރަތަމަ ފަހަރެވެ.