ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ނުކުރެވުމުގައި ކުރިން ވިސްނިފައި ނެތް ބައެއް ކަންކަން އެބަހުރި ކަމަށާއި އެއާ މެދު ވިސްނައި ދެވަނަ ބުރުގައި ބަޔާކާ އެކީ ބައިވެރިވާން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސްގެ ކެމްޕޭންގެ ރަސްމީ އޮފީސް ހުންނަ ޝައިންޓްރީ ބިލްޑިން އިން ނުކުމެވަޑައިގެން ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ދެވަނަ ބުރަކަށް ތައްޔާރުވުމުގެ މަސައްކަތް މިއަދު ފައްޓަވާނެ ކަމަށެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހު 30 ގަ އެވެ.

"އެބަހުރި ބައެއް ކަންކަން އަޅުގަނޑުމެންނަށް ވިސްނިފައި ނެތް. އެހެންވީމާ އެއާ ދޭތެރޭ މީޓްކޮށްގެން މި ތައްޔާރުވަނީ،" ރައީސް ވިދާޅުވި އެވެ.

ދެވަނަ ބުރުގައި ރައީސް މުހައްމަދު ނަޝީދުގެ ތާއިދު ހޯއްދަވަން މަސައްކަތް ކުރާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ ދެން ކޮންމެ ގޮތެއް ވިޔަސް ބަޔަކާ އެކީ ބައިވެރިވާން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ހިތުން ޕީޕީއެމުން ވެސް މަސައްކަތް ކުރާނެ. އަޅުގަނޑުމެން ވެސް ކުރާނެ. އެހެންވީމާ އަޅުގަނޑުމެން ވެސް ހުރިހާ މަސައްކަތެއް ކުރާނެ،" ރައީސް ވިދާޅުވި އެވެ.

ދެވަނަ ބުރުގައި ކިހާ ޔަގީންކަމެއް އޮތްތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެކަމާ ދޭތެރޭ ވިސްނައި މިއަދު މަސައްކަތް ފައްޓަވާނެ ކަމަށެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އަށް ލިބިވަޑައިގެންނެވީ 39 ޕަސެންޓް ނުވަތަ ގާތްގަނޑަކަށް 85،000 ވޯޓެވެ. އިދިކޮޅު ކެންޑިޑޭޓް ޑރ. މުއިއްޒު ވަނީ އެއްލައްކަ އަށް ވުރެ ގިނަ ވޯޓާ އެކު 46 ޕަސެންޓް ކާމިޔާބު ކުރައްވައިފަ އެވެ. ނަޝީދުގެ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ވަނީ 15،500 ވޯޓާ އެކު ހަތް ޕަސެންޓް ހޯއްދަވައިފަ އެވެ. އެހެންވެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ޑިމޮކްރެޓްސްގެ ތާއީދު ކޮންމެ ބަޔަކަށް ވެސް ބޮޑުވާނެ އެވެ.