ބަރުދަން ލުއި ކުރަން އުޅޭ ކޮންމެ މީހަކު ބަތް ކެއުން ހުއްޓާލުމަށް އެންމެންވެސް ލަފާދެ އެވެ. އަދި ހާއްސަކޮށް އާންމުކޮށް ދިވެހިން ކާ ހުދު ހަނޑުލު ބަތަކީ ފަލަވުމަށް އެންމެ ބޮޑަށް އެހީވެދޭ އެއް ކާނާއެއް ކަމަށް ބުނެ އުޅެ އެވެ.

އެކަމަކު ބަރުދަން އެއް މިންގަނޑެއްގައި ބެހެއްޓުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ދިރާސާ ކުރާ އިންޑިއާގެ މަޝްހޫރު ޑޮކްޓަރުންގެ ޓީމަކުން ވަނީ ވަކި ބާވަތެއްގެ ހަނޑުލުން ހަށިގަނޑަށް ގެއްލުން ލިބި ފަލަވުމަށް އެހީވެދޭ ކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް ކަމަށް ބުނެފަ އެވެ. އެ ޑޮކްޓަރުން ބުނާގޮތުގައި ކޮންމެ ވައްތަރެއްގެ ހަނޑުލަކީވެސް އޭގެން ހަށިގަނޑަށް މުހިންމު ފައިދާތަކެއް ކުރާ ހަނޑުލެކެވެ.

ހުދު ހަނޑޫ

ހުދު ހަނޑުލުގައި ބަތް ކެއްކުން އެންމެ ރަނގަޅީ މާބޮޑަށް ނުދޮވެ އެވެ. އެއީ ރަނގަޅަށް ސާފުކޮށް ދޮންނަ ވަރަކަށް ހުދު ހަނޑޫގައި ހުންނަ ހަށިގަނޑަށް ފައިދާ ހުރި ހުރިހާ މާއްދާތަކެއް ހަނޑުލާއި ވަކިވެގެންދާތީ އެވެ. އެގޮތުން މާބޮޑަށް ދޮވެ ސާފު ކުރުމުން ހުދު ހަނޑޫގައި ހުންނަ ވިޓަމިން ބީ3 ގެ ތެރެއިން 67 ޕަސެންޓް ދާއިރު ވިޓަމިން ބީ1ގެ 80 ޕަސެންޓް ދެ އެވެ. އަދި ވިޓަމިން ބީ6 ގެ 90 ޕަސެންޓް ދާއިރު ހަނޑޫގައި ހުންނަ ދަގަނޑުގެ ބައިގެ ތެރެއިން 60 ޕަސެންޓް ދާކަމަށްވެ އެވެ.

ރަތް ހަނޑޫ

ރަތް ހަނޑުލަކީ އޭގެ ސަބަބުން ބޮޑެތި ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ އެއްޗެކެވެ. ރަތް ހަނޑޫ ބަތް އާންމުކޮށް ކެއުމުން ކެންސަރު ޖެހުމާއި ދުރުކޮށްދޭއިރު އެލީޖީވުމުންވެސް ދުރުކޮށްދެ އެވެ. އޭގެ އިތުރުން ހަށިގަނޑުގެ ބަރުދަށް އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވެދޭއިރު ހިތުގެ މައްސަލަތަކާއި، މައިގްރެއިންގެ އިތުރުން ލޭމައްޗަށް ދިއުން ހުއްޓުވުމަށް ވެސް ރަތް ހަނޑޫ އެހީތެރިވެދެ އެވެ.

ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދަމުންދާ މީހުންނަށް، ހާއްސަކޮށް ހަކުރު ބައްޔަށް ފަރުވާ ކުރާ މީހުންނަށް ރަތް ހަނޑުލާއި މުށި ހަނޑޫ ކެއުމަށް ޑޮކްޓަރުން ލަފާދެ އެވެ. ސަބަބެއް ކަމަށްވަނީ ހަކުރު ބަލީގެ ސަބަބުން ހަށިގަނޑަށް ލިބިފައި ހުންނަ ވަރުބަލިކަން ފިލުވައިދޭ އެއްޗަކަށް އެ ބާވަތްތައް ވާތީ އެވެ.

މި ދިރާސާތައް ކުރި ޑޮކްޓަރުންގެ ޓީމުން ލަފާދޭގޮތުގައި ހަނޑުލުގެ ބާވަތްތަކުގެ ތެރެއިން ކެއުން އެންމެ ރަނގަޅީ ރަތް ހަނޑޫ އަދި މުށި ހަނޑުލެވެ.