މި މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި އެވެ.

މިއީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރު އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި އެ ޕާޓީގެ އިސް ފަރާތްތަކުން ބައިވެރިވެ އެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: އެމްޑީޕީ

ރައީސް ސޯލިހު އެމްޑީޕީގެ ގައުމީ މަޖިލީހާ ބައްދަލުކުރެއްވި އިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީން ޕާޓީތަކާ އެކު ކޯލިޝަން ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރެވުނު މަޝްވަރާތަކުން ފެހި ސިގްނަލެއް ލިބިފައިވާ ކަމަށް ރައީސް ސޯލިހު މިއަދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުދިޔަ ޕާޓީތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދެވަނަ ބުރަށް ނުދިޔަ ޕާޓީތަކާ އެކު އިއްޔެ ވެސް ބައެއް ވާހަކަތައް ދެކެވިފަ އެބަހުރި. އަޅުގަނޑުމެންނާއެކު ކުރިއަށްދާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފަ ތިބި ބައެއް ބޭފުޅުން އެބަ ތިއްބެވި. އަދި ރަސްމީކޮށް އެކަން އިއުލާނު ކުރެވޭ ހިސާބަކަށް ނުދޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދަތުރުކުރެއްވީ 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. މުއިއްޒްއާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.