މި ސަރުކާރުން އެމަނިކުފާނާ ބެހޭ ގޮތުން ދޮގު ހަދަނީ ވަކި ވަރެއް ބަލައިފައެއް ނޫން ކަމަށާއި ސަރުކާރުން ފަތުރާ ދޮގު ވާހަކަތަކާ މެދު ކަންބޮޑު ނުވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް މިހާރު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ފެރިދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުގެ ދެވަނަ ބުރުގެ ސްޓްރޭޓެޖީއަކީ ދޮގު ހެދުން ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުން އެއަށްވުރެ މާހޭލުންތެރި ކަމަށާއި، އެހެންކަމުން ސަރުކާރުން ދައްކާ ދޮގު ވާހަކަތަކާމެދު ކަންބޮޑުނުވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ފަތުރަމުން އަންނަ ދޮގުތަކާއި މެދުގައި ސުވާލެއް އުފެދޭ ނަމަ އެކަމާއި މެދުގައި ސުވާލުކޮށް އޮޅުން ފިލުވާލަން އެދޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް މި އަންނަނީ ކޮންމެ ދުވަހަކު އެކިކަހަލަ ވާހަކަތައް އަޑުއިވެމުން. ބައިވަރު ހަގީގަތާއި ހިލާފު ވާހަކަތައް ސަރުކާރުން ދަނީ ފަތުރަމުން. އެހެންވީމަ އަޅުގަނޑު އެދެނީ މިއިން އެއްވެސް ވާހަކެއް އަޑު އިވިޖިއްޔާ އަޅުގަނޑުމެންގެ ކިބައިން އޮޅުން ފިލުވާލަން ޝައްކެއް އުފެދެންޏާ. އަޅުގަނޑު ކިޔާދޭނަން އޭރުން ކަން އޮތްގޮތް. ޖަވާބު ނުދެވޭ އެއްވެސް ކަމެއް ނޯންނާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުންފުންޏެއް އުވާލާ ވާހަކައާއި ވަޒީފާއިން ވަކިކުރާ ވާހަކައާއި ފެށިފައިވާ މަޝްރޫތައް ހުއްޓާލާ ވާހަކައާއު ހުއްޓިފައިވާ މަޝްރޫއެއް ނުފައްޓާނެ ވާހަކައާއި ދީފައިވާ ލޯނުތައް ކެންސަލް ކުރާ ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. މިއީ ހައްތަހާ ވެސް ބިރު އުފައްދައި އިދިކޮޅަށް އޮތް ތާއީދު ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
ހަގީގަތާއި ހިލާފު މި ވާހަކަތަކުގައި ރައްޔިތުން ގަބޫލު ނުކުރުމަށް ޑރ. މުއިއްޒު އެދިވަޑައިގެންނެވި އެވެ.