މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ޖަވާންގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއަކަށް ވެފައިވަނީ ފިލްމުގެ ތެރެއިން ފެންނަ ޝާހްރުކް ޚާންގެ ތަފާތު އެކި "ލުކް" ތަކެވެ.

އެގޮތުން ފިލްމުގައި އޭނާގެ އިސްތަށިގަނޑު އެއްކޮށް ބާލައި ތަލަވުމަކީ ސްކްރިޕްޓްގައި އޮތް ކަމެއް ނޫން ކަމަށާއި އޭނާ އެކަން ކުރީ ތަލަ އަންހެން ކުދިން ކަމުދާތީ ކަމަށް ޝާހު މިވަނީ ބުނެފަ އެވެ.

މީޑިއާއާ ވާހަކަ ދައްކަމުން ސަމާސާ ރާގަކަށް ޝާހުރުކް ބުނީ ތަލަ އަންހެން ކުދިންގެ ކިބައިގައި ބުނެދޭން ނޭނގޭ ކަހަލަ ރީތި ސިފައެއް ހުންނަ ކަމަށާއި އެއީ އޭނާއަށް ވަރަށް ކަމުދާ ސިފައެއް ކަމަށެވެ.

މީގެ އިތުރުން ވެސް ބޯ ތަލަ ކުރުމުގެ ފަހަތުގައި އިތުރު ސަބަބެއް އޮތް ކަން ފާހަގަ ކުރަމުން ބޯ ބޭލުމުން އިސްތަށިގަނޑު ސްޓައިލް ކުރުމުގައި ދެތިން ގަޑިއިރު ހޭދަ ކުރަން ނުޖެހޭ ކަމަށް ޝާހްރުކް ބުންޏެވެ.

ޝާހްރުކްއަކީ އަބަދުވެސް މީޑިއާއާ ސަމާސާ ބަހުރުވައިން ވާހަކަ ދައްކާ ތަރި އެކެވެ. މީޑިއާގެ ސުވާލުތަކަށް އޭނާ ދޭ ޖަވާބުތަކަށް ގިނަ ބައެއްގެ ސަމާލުކަން އަބަދުވެސް ލިބެ އެވެ.

ޖަވާން ސިނަމާތަކުގައި ދައްކަމުން އަންނައިރު އެ ފިލްމަށް ގިނަ ބައެއްގެ ތައުރީފްއާއި ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ވެސް އަންނަނީ ލިބެމުންނެވެ.