ޖަލުގައި ހުންނެވި ޕީޕީއެމްގެ ރައީސް ޔާމީނާ މާދަމާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މާދަމާ މާފުށްޓަށް ވަޑައިގެން ރައީސް ޔާމީނާ ބައްދަލުކުރެއްވޭނެ އިންތިޒާމު ހަަމަޖައްސަވައިދެއްވުމަށް މަޖިލީހުގެ އަމީންއާންމަށް ދަންނަވާފައިވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ބޭފުޅަކަށް ގާނޫނުއަސާސީގައި ބުނާ އަދަދަށް ވޯޓު ލިބިފައި ނުވާތީ މިއީ ވަރަށް ހައްސާސް ވަގުތެއް ކަމަށެވެ. އަދި ނަތީޖާ ލިބިފައިވާ ގޮތުން އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކެންޑިޑޭޓުން ކޯލިޝަން ހެދުމަށް މަޖުބޫރުވެފައިވާ ކަމަށާއި އެކަމަކު އެއީ ގާނޫނުއަސާސީ ދަންނަ ކަމެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މިހެން ކަންކަން ކުރަންޖެހުމުން ޕާޓީތަކަށާއި އާންމު މެމްބަރުންނަށް ލިބޭ ގެއްލުން ފަހުން ބޮޑުވެގެންދޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މިމަހުގެ 25 ވަނަ ދުވަހު ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ޕީޕީއެމް އާއި އެމްޑީޕީއަށް ހުށަހެޅުމުން ޕީޕީއެމް އިން އެކަމާ ގުޅޭ ލިޔުމެއްގައި ސޮއިކުރަން ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި އެމްޑީޕީން ޖަވާބެއް ނުދޭ ކަމަށާއި ނަމަވެސް އެ ޕާޓީން ޖަވާބެއް ނުދިނަސް ޑިމޮކްރެޓުން ދެ ދުވަހެއްގެ ތެރޭގައި ގޮތެއް ނިންމަންޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައީސް ޔާމީންގެ ލަފައާއި މަޝްވަރާ ވެސް ބޭނުންވާތީ މާދަމާ ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނައިރު ރައީސް ޔާމީނާ ވެސް މިކަމުގައި މަޝްވަރާކުރުން ކޮންމެހެން ބޭނުންތެރި. އަޅުގަނޑު މަޖިލީހުގެ އަމީންއާންމު އަރިހުގައި ދަންނަވާފައިވާނެ މާދަމާ އަޅުގަނޑު މާފުއްޓަށް ދެވޭތޯ، މާދަމާ އަޅުގަނޑު މާފުއްޓަށް ދިއުމަށް. ރައީސް ޔާމީންގެ އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 ވަނަ ދުވަހުގެ ކުރީގައި އެވޯޓު ނެގުމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކާ އަަދި އަޅުގަނޑުމެންނަށް އެހީތެރިވެދެން އޮތްނަމަ އެވާހަކައެއް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ނަތީޖާއާއި ގުޅިގެން އެމަނިކުފާނަށް ދެވަނަ ބުރެއް ކާމިޔާބު ކުރެއްވިދާނެ ކަމަށް މިހާރު ނުބެލެވޭ ކަމަށެވެ. އަދި ރައީސް ސޯލިހް ދެވަނަ ބުރެއް ކާމިޔާބު ކުރެއްވުމަށް ވަރަށް ގިނަ ވޯޓު "ފުރޮޅާލަން" ޖެހޭނެ ކަމަށާއި އަދި އެކަމަކު ވާދަވެރި ކެންޑިޑޭޓާއެކު އޮތް ފަރަގު ބޮޑު ކަމުން އެއީ ނުވުން ގާތް ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުން ހިޔާލަކަށް އަލުން ދާން ޖެހޭ ކަމަށެވެ. އެކަން ނުކޮށް ގައުމަށް މޮޅެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.