އެވޮކާޑޯގެ އޮށަކީ ގިނަ ބަޔަކު އޭގެ މޭވާ ކެއުމަށްފަހު އެއްލާލާ އެއްޗެކެވެ. ނަމަވެސް އެ މޭވާ އިން ލިބޭ ފައިދާތަކުގެ 70 ޕަސެންޓު އޭގެ އޮށުން ވެސް ލިބޭ ކަމަށް ސިއްހީ ތަޖުރިބާ ކާރުން ބުނެ އެވެ. އެހެންކަމުން ދެން އެވޮކާޑޯ އޮށެއް އެއްލާލުމުގެ ކުރިން ވިސްނާލާށެވެ.

ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓު އެކުލެވޭ

އެވޮކާޑޯގެ އޮށުގައި ވަރަށް ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓު އެކުލެވިގެންވެ އެވެ. އެގޮތުން އޭގެ އޮށް ކެއުމުން ހަށިގަނޑުގެ ކޮލެސްޓްރޯލް ލެވެލް ރަނގަޅުކޮށްދީ، ލޭގެ ޕްރެޝަރު ވެސް އެއްވަރެއްގައި ހިފަހައްޓައިދެ އެވެ. ހަމައެއާ އެކު، ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދީ، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދެ އެވެ.

ހިތުގެ ބަލިތަކުން ދުރުކޮށްދޭ

އެވޮކާޑޯގެ އޮށަކީ "އެންޓި އިންފްލެމޭޓަރީ" ކާނާ އެކެވެ. އެއީ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދީ ލޭގެ ޕްރެޝަރު ވެސް ދަށްކޮށްދޭ ކާނާއެކެވެ. ހަމައެއާ އެކު، އޭގެ އޮށް ކެއުމުން ހިތް ހުއްޓުމާއި އެހެނިހެން ހިތުގެ ބަލިތަކުން ވެސް ރައްކާތެރިކޮށްދެ އެވެ.

އެންޓި އިންފްލެމޭޓަރީ މާއްދާތައް އެކުލެވޭ

އެވޮކާޑޯގެ އޮށަކީ "އާތުރައިޓިސް" ބަލި ޖެހިފައި ތިބޭ މީހުންނަށް ވެސް އޮތް ފަރުވާއެކެވެ. އެގޮތުން އެ ބަލި ޖެހުމުން ދިމާވާ ހުޅުހުޅުގައި ރިއްސުމުގެ މައްސަލައަށް ވެސް އެވޮކާޑޯގެ އޮށުން ފަރުވާ ހޯދޭނެ އެވެ.

ހަމަ އެއާއެކު އޮވޮކާޑޯގެ އޮށް ކާ ނަމަ، ސްޓްރޯކު ޖެހުމާއި، ހަށިގަނޑުގައި ފާރު އުފެދުން އަދި ކެންސަރު ބަލި ޖެހުމުންވެސް ދުރުކޮށްދޭނެ އެވެ.

ދެން އުފެދޭނެ ސުވާލަކީ އެހާ ހަރު އޮށެއް ކެއުމުގައި ބޭނުން ކުރާނީ ކިހިނެއްތޯ އެވެ. އެވޮކާޑޯ އޮށް ބޭނުން ކުރުމުގައި އޮތް އެންމެ ފަސޭހަ ރެސިޕީއަކީ އެމީހަކަށް އެންމެ ކަމުދާ މޭވާތަކާއެކު އެވޮކާޑޯ އޮށް ގްރައިންޑަރުގައި ހިމުންކޮށް ފެނާއި އައިސް ކްރީމް އަޅައިގެން ސްމޫތީއެއްގެ ގޮތުގައި ބޭނުން ކުރުމެވެ.