ވަޒީފާގައި މާ ގިނައިރު އުޅޭނަމަ ސްޓްރޯކާއި ހިތުގެ ތަފާތު މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާ ކަމަށް އެމެރިކާ އާއި އޮސްޓްރޭލިއާ އަދި ޔޫރަޕުން 600،000 މީހުން ބައިވެރިކޮށްގެން ހިންގި ދިރާސާއެއްގެ ނަތީޖާ އެވެ.

އިނގިރޭސި ވިލާތުގެ މެޑިކަލް ޖާނަލްއެއް ކަމުގައިވާ "ދަ ލެންސެޓް" ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައި ވަނީ މަސައްކަތުގައި ހަފުތާއަކު 55 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަކުރާ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު، އެނޫން މީހުންނާ އަޅާބަލާއިރު 33 ޕަސެންޓު ބޮޑު ކަމަށެވެ. އަދި ހިތުގެ ބަލިތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ވެސް 13 ޕަސެންޓަށް އަރަ އެވެ.

މަސައްކަތުގެ މާހައުލުގައި ގިނަ ވަގުތު ހޭދަކުރުމަކީ ހިތް ހުއްޓުން ފަދަ ހިތުގެ މައްސަލަތަކުގެ ރިސްކުބޮޑުކޮށްދޭ ކަމެއް ކަމަށް މީގެ ކުރިން ހިންގާފައިވާ މިފަދަ ދިރާސާތަކުން ވެސް އެނގިފައިވެ އެވެ.

ހާޓް އެޓޭކް ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބަކަށް ވެފައި ވަނީ ކޮރޯނަރީ ހާޓް ޑިޒީސް އެވެ. މިއީ ހިތުގެ މައި ނާރުތަކުގައި ސަރުބީ ޖަހައި ލޭގެ ދައުރުވުމަށް ހުރަސް އެޅުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކެވެ.

މީގެ އިތުރުން ލޭ މައްޗަށް ދިއުމާއި ބޭޑް ކޮލެސްޓްރޯލް މަތިވުން އަދި ފަލަވުމަކީ ވެސް ހާޓް އެކޭޓް ޖެހުމަށް މަގުފަހިވެދާނެ ސިއްހީ ބޮޑެތި ނުރައްކާތަކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމާއި ހަކުރު ބަލީގެ މައްސަލަތަކަކީ ވެސް ހިތް ހުއްޓުމަށް މެދުވެރިވާ ފަދަ ހާލަތަކަށް ހަށިގަނޑުގެ ސިއްހަތު ބަދަލުކޮށްލަފާނެ ދެ ކަމެކެވެ.

ސްޓްރޯކް ޖެހެނީ ސިކުނޑި އަށް ލޭ ފޮނުވައިދޭ ނާރެއްގައި ގަނޑުލޭ ކޮޅެއް އުފެދި ލޭ ދައުރުވުން ބެދިގެންނެވެ.

އެހެން ކަމުން ކިތަންމެ ބައިވަރު މަސައްކަތެއް ހުއްޓަސް އެ މަސައްކަތްތައް ރާވާލައި ގަޑިއަށް ގެއަށް ދާން އާދަ ކުރަން ޖެހެ އެވެ.