މިފްކޯ އިން މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކުރުމުން އެންސިސް ފިޝަރީޒް އިން މަސް ގަތުން ހުއްޓާލައިފި އެވެ.
އެންސިސް އިން އަންނަނީ ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި މަސް ގަނެ، ޕްރޮސެސްކޮށް އެކްސްޕޯޓްކުރަމުންނެވެ.
މަސް ގަންނަ އެންމެ ބޮޑު އަމިއްލަ ކުންފުނި، އެންސިސްގެ ޑިރެކްޓަ އަބްދުލް ވާހިދު ވިދާޅުވީ އެންސިސް އިން މިހާރު މަސް ގަތުން ހުއްޓާލާފައި ކަމަށެވެ. އަދި މަސްގަތުން މިވަގުތު ހުއްޓާލީ އެއަގުގައި މަސް ގަނެގެން ކުންފުންޏަށް ގެއްލުންވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ވާހިދު ވިދާޅުވީ އަމިއްލަ ކުންފުނިތަކަށް އެއަގުގައި މަސް ނުގަނެވޭނެ ކަމަށެވެ. ސަރުކާރުން ކުއްލިއަކަށް މަހުގެ އަގަށް ބަދަލު މިގެނައީ އެކަމުގެ މަޝްވަރާތައް ވެސް ކުރިއަށް ދަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން ސަބްސިޑީ ދޭތީ މިފްކޯއަށް އެއަގުގައި ގަނެވޭނީ އެހެންވެ އަޅުގަނޑުމެން ވެސް އެދެނީ. އެ ޑިފަރެންސް އަޅުގަނޑުމެންނަށް ވެސް ދޭން އެހެން ނޫނީ ކުންފުންޏަށް ވަނީ ވަރަށް ބޮޑު ގެއްލުމެއް. އެހެންވެ މަސް ގަތުން މި ހުއްޓާލި،" ވާހިދު ވިދާޅުވި އެވެ.
މަސްވެރިންގެ އަތުން މަސް ކިލޯއެއް ގަންނަ އަގު މާދަމާ އިން ފެށިގެން 25ރ. އަށް ބޮޑު ކުރުމަށް މިފްކޯއިން ނިންމީ އިއްޔެ އެވެ.
މިފްކޯ އިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑު ކުރީދިވެ ދިވެހި މަސް ބޭރުކުރާ އެންމެ ބޮޑު ދެ މާކެޓު ކަމަށްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިނގިރޭސިވިލާތުން މަހަށް ނަގަމުންދާ ޑިއުޓީ ކަނޑާލަން ނިންމުމާއި ގުޅިގެން މެވެ.