ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ކޯލިޝަން ހަދާނެ ބަޔަކު ނިންމަން އިއްޔެ ބޭއްވި ޕާޓީގެ ކައުންސިލް ބައްދަލުވުމުން ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ނުފެނުނު ސަބަބާ އަދި ރިޔާސީ އިންތިޚާބުގައި ވެސް ނަހުލާ ވޯޓު ލައްވާފައި ނުވާ ސަބަބާ ބެހޭ ގޮތުން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ ދިވެހި ރާއްޖޭގެ ގާނޫނު އޮތް ގޮތުން އޭނާ އަކީ މިނިވަނެއް ކަމަށް. އަދި އޭނާ އަޅާ ކޮންމެ ފިޔަވަޅެއް ބަލައި ފާރަލާން އެއްވެސް ޝައުގުވެރި ކަމެއް ނެތް ކަމަށް ވިދާޅުވި.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ވޯޓު ދެއްވާފައި ނުވާތީ، އެކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން، ނަހުލާ އަޅާ ކޮންމެ ފިޔަވަޅެއް ބަލައި ފާރަލާން ޝައުގުވެރިކަން ނެތް ކަމަށް ގާސިމް ވިދާޅުވެއްޖެ އެވެ.

ދެވަނަ ބުރުގައި ޖޭޕީން ކޯލިޝަން ހަދާނެ ބަޔަކު ނިންމަން އެ ޕާޓީން އިްއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމަށް ފަހު، އެ ބައްދަލުވުމުން ނަހުލާ ނުފެނުނު ސަބަބާ އަދި ރިޔާސީ އިންތިޚާބުގައި ވެސް ނަހުލާ ވޯޓު ލައްވާފައި ނުވާ ސަބަބާ ބެހޭ ގޮތުން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ ދިވެހި ރާއްޖޭގެ ގާނޫނު އޮތް ގޮތުން އޭނާ އަކީ މިނިވަނެއް ކަމަށެވެ.

"އަޅުގަނޑަކަށް ކިހިނެއްތޯ އެނގޭނީ، އޭނާ (ނަހުލާ)އާ ތި ސުވާލުކުރޭ. ދިވެހި ރާއްޖޭގެ ގާނޫނު އޮތް ގޮތުން އޭނާ އަކީ މިނިވަނެއް. އަޅުގަނޑަށް އޮތް ކެޕޭސިޓީގައި ޑީލް ކުރެވޭނީ. އަޅުގަނޑަށް އިންޓަރެސްޓެއް ނެތް އޭނާ އަޅާ ކޮންމެ ފިޔަވަޅެއް ބަލައި ފާރަލާކަށް. އެއްވެސް ޝައުގުވެރި ކަމެއް ނެތް. އަމިއްލަ އިހުތިޔާރުގައި އެބޭފުޅާ ކަންތައް ކުރައްވާނެ ގޮތަަށް އެ ކުރައްވަނީ. އަޅުގަނޑެއް ކޮންމެހެން ނުބަލަން އަޅުގަނޑުގެ އަންބަކަށްވީތީ، ދަރިއަކަށްވީތީ. އަޅުގަނޑުގެ އިންޓަރެސްޓް އޮތީ އަޅުގަނޑު ކުރާ މަސައްކަތް ވަފާތެރިކަމާއި އިޚްލާސްތެރިކަމާ އެކު ކުރުމަށް،" އެއްވެސް ބަޔަކާ ކޯލިޝަން ހަދަން ނުފެންނަ ކަމަށް ނިންމި ބައްދަލުވުމަށް ފަހު ގާސިމް ވިދާޅުވި އެވެ.

އަޅުގަނޑަކަށް ކިހިނެއްތޯ އެނގޭނީ، އޭނާ (ނަހުލާ)އާ ތި ސުވާލުކުރޭ. ދިވެހި ރާއްޖޭގެ ގާނޫނު އޮތް ގޮތުން އޭނާ އަކީ މިނިވަނެއް. އަޅުގަނޑަށް އޮތް ކެޕޭސިޓީގައި ޑީލް ކުރެވޭނީ. އަޅުގަނޑަށް އިންޓަރެސްޓެއް ނެތް އޭނާ އަޅާ ކޮންމެ ފިޔަވަޅެއް ބަލައި ފާރަލާކަށް. އެއްވެސް ޝައުގުވެރި ކަމެއް ނެތް. އަމިއްލަ އިހުތިޔާރުގައި އެބޭފުޅާ ކަންތައް ކުރައްވާނެ ގޮތަަށް އެ ކުރައްވަނީ.
ގާސިމް

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ވޯޓު ހޯއްދެވުމަށް ނަހުލާ ވެސް ވަނީ ކެމްޕޭން ކުރައްވައިފަ އެވެ. ނަމަވެސް ނަހުލާ ވޯޓުލުމަށް ހަމަޖެހިފައިވާ، ނޭޝަނަލް ޔުނިވާސިޓީގައި ބަހައްޓާފައިވާ ހއ. ހޯރަފުށީގެ ވޯޓު ފޮއްޓަށް އޭނާ ވޯޓު ލައްވައިފައެއް ނުވެ އެވެ.

ނަހުލާ އަކީ ޖޭޕީ ވެސް ހިމެނޭ މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ގާސިމަށް ލިބިވަޑައިގެންނެވީ 5،460 ވޯޓު ނުވަތަ 2.47 ޕަސެންޓެވެ. މިއީ މީގެ ކުރީގެ އިންތިޚާބުތަކުގެ ނަތީޖާއާ އަޅާބަލާއިރު ވަރަށް ދަށް ނަތީޖާ އެކެވެ.