ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ޝާހްރުކް ޚާންގެ ކާމިޔާބު ފިލްމު "ޖަވާން" މިއަހަރުގެ އޮސްކާ އެވޯޑަށް ހުށައަޅަން ވިސްނަމުން އަންނަ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަޓްލީ ބުނެފި އެވެ.

އަޓްލީ ބުނެފައިވަނީ މިއަހަރުގެ އޮސްކާއަށް ޖަވާން ހުށައަޅަން ބޭނުންވާ ކަމަށާއި އެކަމާ ބެހޭ ގޮތުން ފިލްމުގެ ބަތަލު ޝާހްރުކް ޚާންއާ ވެސް ވާހަކަ ދައްކާނެ ކަމަށެވެ.

މި ހަބަރާއެކު ސޯޝަލް މީޑިއާގައި ބަހުސް ފެށިފައިވާއިރު ބައެއް ފަރާތްތަކުން ބުނަމުން ގެންދަނީ މިއަހަރުގެ އެވޯޑުތައް ލިބުން ގާތީ ހޮލީވުޑްގެ އޯޕަންހެއިމާ ފަދަ ފިލްމުތަކަށެވެ. އެހެން ނަމަވެސް އަނެއް ބަޔަކު ބުނާ ގޮތުގައި ޖަވާންއަށް ޓެކްނިކަލް އެވޯޑްތައް ލިބުމުގެ ފުރުސަތު އެބަ އޮތެވެ.

މިދިޔަ އަހަރުގެ އޮސްކާގައި އިންޑިއާގެ ފިލްމެއް ކަމަށްވާ އާރްއާރްއާރްއަށް ލިބުނު ކާމިޔާބީއާއެކު އިންޑިއާގެ ޕްރޮޑިއުސަރުންނަށް ވަނީ ބައިނަލްއަގްވާމީ އެވޯޑުތަކުގެ އުއްމީދު އާވެފަ އެވެ.

އަޓްލީ ޑައިރެކްޓްކޮށް ޝާހްރުކްއާއި ނަޔަންތަރާ ލީޑުރޯލުތަކުން ފެނިގެންދާ "ޖަވާން" ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައި "ބްލޮކްބަސްޓާ"އެއްގެ ދަރަޖަ ހޯދާފަ އެވެ.