ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން، ފުއްޕާމެ އަށް ލިބިފައި ހުންނަ ގެއްލުންތައް އަމިއްލަ އަށް ރަނގަޅުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ނޭޗާ ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނީ ދުންފަތުގެ އިސްތިއުމާލުކޮށްގެން ފުއްޕާމެ އަށް ލިބޭ ދާއިމީ ގެއްލުންތަކާ އެކު ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް މަގުފަހިވި ނަމަވެސް ދުންފަތުގެ އަސަރުނުކޮށް ހުންނަ ސެލްތަކުގެ ސަބަބުން، ފުއްޕާމެ އަށް ލިބިފައި ހުންނަ ގެއްލުންތައް ރަނގަޅުކޮށްދޭކަން ސާބިތުވެފައިވާ ކަމަށެވެ.

އެއީ ދުވާލެއްގެ މައްޗަށް 40 ސިނގިރެޓް ބޯ މީހަކަށް ވިޔަސް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމުން ފުއްޕާމޭ އަލުން މަރާމާތުކޮށްދޭ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

ދިރާސާގައި ބުނީ ދުންފަތުގައި އެކުލެވޭ ކެމިކަލްތަކުގެ ސަބަބުން ޑީއެންއޭ ބަދަލުވެ މޭގެ ސެލްތައް ވެސް ބަދަލު ކޮށްލާ ކަމަށެވެ. މިއާ އެކު ނޭވާލާ ނިޒާމުގައި ހުންނަ ސެލްތަކަށް ވެސް ބުރޫ އަރަ އެވެ.

މި ބަދަލުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލާ މީހުންގެ ސެލްގެ 40 ޕަސަންޓް، އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުންނާ މާ ބޮޑު ތަފާތެއް ނުހުންކަން ވެސް ދިރާސާ އިން ދައްކާފައިވެ އެވެ.

ދިރާސާ ޓީމުން ބުނީ މިއީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ހިތްވަރު އާލާކޮށްދިން ނަތީޖާތަކަށްވާތީ މީގެ ފުންމިނަށް ދާން އަދި އިތުރު ހޯދުންތަކެއް ހޯދާނެ ކަމަށެވެ.