މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެންމެންނަށް މާލޭން ގޯއްޗާއި ފްލެޓް ދޭން ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގަލޮޅުގައި މިރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ މީހުން ވެސް އެބަ ތިބި ކަމަށާއި އެމީހުންނަކީ އަމިއްލަ ރަށުން ވެސް ގޯތި ލިބުމަށް ހުރަސްތަކެއް ހުރި މީހުން ކަމަށެވެ.

އެހެންކަމުން އެފަދަ މީހުންނަށް ހާއްސަކޮށް ހައުސިން ސްކީމެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެބަ އުޅޭ 20 އަހަރު، 35 އަހަރު މާލޭގައި ދިރިއުޅޭތާ ވެފައިވާ މީހުން. އަޅުގަނޑު ވެސް މި މާލޭގައި އުޅޭތާ 50 އަހަރުވީ. އަޅުގަނޑުމެންގެ ސިޔާސަތުތައް އޮތް ގޮތުން މިހާރު މިފަދަ މީހުންނަށް ގޯއްޗެއް ނުލިބޭ. ރަށުގައި ދިރިނޫޅޭތީ ރަށުން ވެސް ގޯއްޗެއް ހޯދަން ހުރަސްތައް އެބަހުރި. އެހެންވީމަ އަޅުގަނޑުމެން މި އިއުލާން ކުރަނީ އާ ހައުސިން ސްކީމެއް،" ރައީސް ވިދާޅުވި އެވެ.

މާލޭގެ ދަފްތަރުގައި ޖެހި 20 އަހަރުވީ މީހުންނާއި މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ކޮންމެ މީހަކަށް ވެސް އެ ސްކީމްގެ ދަށުން ކޯއްޗާއި ފްލެޓް ލިބޭނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވައިލެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ތެރެއިން 19،000 މީހުންނަށް ގޯތި އަދި 16،000 މީހުންނަށް ފްލެޓް ދޭން ނިންމީ މި ސަރުކާރުން ކަމަށެވެ.މީގެއިތުރުން ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.