ޒަމާނުއްސުރެ އެކި ކަހަލަ ބަލިތައް ގުޅިފައިވަނީ މުސްކުޅި އުމުރާ އެވެ. އުމުރުން ދުވަސްވާ ވަރަކަށް ބަލިތައް އިތުރުވާނެ ކަމަށް ކުރިން އޮތީ ބެލެވިފަ އެވެ.

އެހެން ނަމަވެސް މި ވިސްނުން ބަދަލުކޮށްލަން މަޖުބޫރުކޮށްފައިވަނީ މިހާރަކަށް އައިސް ޒުވާނުންގެ މެދުގައި ވެސް ބޮޑެތި ބަލިތައް އާއްމު ވަމުންދާތީ އެވެ. އެގޮތުން ޒުވާނުންނަށް ހާޓްއެޓޭކް ޖެހޭ މިންވަރު މީގެ 50 އަހަރާ އަޅާބަލާއރު މިވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ދެން އުފެދޭ ސުވާލަކީ އެއީ ކީއްވެތޯ ކުރެވޭ ސުވާލެވެ.

އެންމެ ފުރަތަމަ ކަމަކަށް ބަލާއިރު މިހާރުގެ ޒުވާނުންގެ ޖެނެޓިކްސް ވަނީ އަހަރުތަކުގެ ތެރޭގައި ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ހަކުރު ބައްޔާއި ކޮލެސްޓްރޯލްފަދަ ވާރުތަކުރާ ބަލިތަކަކީ އިންސާނާގެ އުފެދުމުގައި އެކުލަވާލެވޭ ޖީންތައް މެދުވެރިކޮށް މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ބަލިތަކެވެ.

މިފަދަ ދާއިމީ ބަލިތަކަކީ ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ތިންގުނަ އިތުރުކޮށްދޭ ބަލިތަކެއް ކަމަށް ސިއްހީ މާހިރުން އަބަދުވެސް ބުނެ އެވެ.

ދެވަނަ ކަމަކަށް އޮތީ މިހާރުގެ ޒުވާނުންގެ ދިރިއުޅުމުގެ ވައްޓަފާޅި އެވެ. ނުރަނގަޅު އާދަތައް ލާމެހިފައިވާ އެ ވައްޓަފާޅީގައި ކުރެވޭ ބައެއް ކަންކަމަކީ ހާޓްއެޓޭކާއި ހިތުގެ އެހެން ބަލިތަކަށް ވެސް މަގުފަހިކުރުވާ ކަންކަމެވެ.

އެގޮތުން ބަލާއިރު ދުންފަތުގެ އިސްތިއުމާލު ކުރުމާއި ހަމަ ނިދި ނުލިބުން އަދި ކެއިންބުއިމުގައި ރަނގަޅު ބާވަތްތައް ބޭނުން ނުކުރުމަކީ ވެސް ހާޓް އެޓޭކަށް މަގުފަހިވާ ސަބަބުތަކެވެ.

ޒުވާން އުމުރުގައި ބޮޑެތި ސިއްހީ ބަލިތަކާ ކުރިމަތިވެ އެކަންކަމުގައި ދުނިޔެ ދޫކުރާ ޒުވާނުން ވެސް އިތުރު ވަމުން ދާއިރު ރަނގަޅު ސިއްހަތަކީ ލިބިފައިވާ ނިއުމަތެއް ކަމަށް ބަލައި އެކަމަށް ފަރުވާތެރިވުމަކީ މިއަދުގެ ޒުވާނުން ކުރަން ޖެހިފައިވާ ކަމެކެވެ.