މުޖުތަމަޢެއް ބިނާކުރުމަށް ލިޔުންތެރިންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި، ލިޔުންތެރިކަން ފުޅާދާއިރާއެއްގައި ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށްއޮތްތަނުގައި ކުރައްވާނެކަމުގައި ނައިބު ރައީސް ފައިލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް" ގެ ދަށުން ނެރުއްވާ ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްއެންޔޫގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ލިޔުންތެރިކަމަކީ އެބައެއްގެ އިލްމީ މުއްސަނދިކަން ފެތުރުމަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަން ފާހަގަކުރައްވާފަ އެވެ. އަދި އެދާއިރާއިން ފުރުޞަތު ފަހިކޮށްދެއްވުމަށް ޤައުމީ ޔުނިވާސިޓީން "ޔުނިވާސިޓީ ބުކް ރައިޓިން ގްރާންޓް" ފެއްޓެވިކަމަށްޓަކައި އެމަނިކުފާނު ވަނީ ޤައުމީ ޔުނިވަރސިޓީއަށް ޝުކުރުއަދާކުރައްވާފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ވާހަކަ ދައްކާއިރު ދިވެހި ބަސް އޭގެ ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އެބައެއްގެ މާދަރީބަހަކީ އެބައެއްގެ އަސްލު އަންގައިދޭ ސިފައެއްކަން ފާހަގަކުރައްވައި ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ.
"ޔުނިވާސިޓީ ބުކް ރައިޓިންގ ގްރާންޓް" ގެ ދަށުން މި އަހަރު ތިން ލިޔުންތެރިން ވަނީ ފޮތް ނެރުއްވާފަ އެވެ.
މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ 'އެމް.އެން.ޔޫ. ފޮތް މައުރަޒު' ހުޅުވައިދެއްވައި މި މައުރަޒު ބައްލަވައިލައްވާފައެވެ. 'އެމް.އެން.ޔޫ. ފޮތް މައުރަޒު' ކުރިއަށްދާނީ މި ސެޕްޓެމްބަރ މަހުގެ 20 ން 22 ށް ޔުނިވަރސިޓީގެ މައިމަރުކަޒުގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒަކީ ފޮތް އުފައްދާމީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުޞަތެކެވެ. މި އަހަރު 23 ފަރާތަކުން މި މައުރަޒުގައި ވަނީ ބައިވެރިވެފަ އެވެ.