ސްޕޭންގެ މަޝްހޫރު ހޮޓެލެއް ކަމަށްވާ ބާސެލޯ ބްރޭންޑްގެ ހޮޓެލެއް ނަސަންދުރަ ޕެލަސްގައި ތަރައްގީކޮށްފައިވާ ހޮޓަލުގައި ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.
ބާސެލޯ ހޮޓެލްސް އިން ރާއްޖޭގެ ނަސަންދުރަ ތަރައްގީ ކުރާ ހޮޓާ އަންނަ އަހަރު ތެރޭގައި ހުޅުވުމަށް ވަނީ ނިންމާފަ އެވެ. ނަސަންދުރާ ހުރި ބިމުގައި ހަދާ މި ހޮޓަލުގައި 150 ކޮޓަރީގެ އިތުރުން މަތީ ފަންތީގެ 100 އެޕާޓްމަންޓް ވެސް ހުންނާނެ އެވެ.
ސްރީލަންކާގެ އެލްއޯއެލްސީ ގްރޫޕްގެ ދަށުން ހިންގާ ރާއްޖޭގެ ގިނަ ރިސޯޓްތަކެއްގެ ތަރައްގީ ކޮށްފައިވާ ބްރައުންސް އިންވެސްޓްމަންޓް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ ގްރޫޕުން ތަރައްގީކުރާ މި ހޮޓާ ސްޕޭންގެ ބާސެލޯ ގްރޫޕުގެ ހޮޓަލެއްގެ ގޮތުގައި ބްރޭންޑްކޮށް ހުޅުވަނީ މިދިޔަ އަހަރު އެ ކުންފުނިން ބާސެލޯ ގްރޫޕްގެ ހިއްސާގެ ބޮޑު ބައެއް ގަތުމާ ގުޅިގެންނެވެ.
ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ނަސަންދުރަ ހުރި ބިމުގައި ޒަމާނީ ހޮޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ. އަދި ނަސަންދުރަ ތަރައްގީ ކުރަން އެންޕީއެޗް އިންވެސްޓްމެންޓާ ހަވާލުކުރީ އެތަނާ ޖެހިގެން ކުރިން އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިމާއެކު އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރި މި އެއްބަސްވުން ހަދާފައި ވަނީ 50 އަހަރަށް، އަދި 99 އަހަރަށް މުއްދަތު އިތުރު ކުރެވޭ ގޮތަށެވެ.
ނަމަވެސް މި ޕްރޮޖެކްޓް ދިނީ ޓޫރިޒަމް ގާނޫނާ ހިލާފަށް ކަމަށް ބުނެ އޭރުގެ އޮޑިޓަ ޖެނެރަލް މި އެއްބަސްވުމާމެދު އަލުން ގޮތެއް ނިންމަން ސަރުކާރަށް ލަދާ ދިނެވެ. އޭރުގެ އޮޑިޓަ ޖެނެރަލް ލަފާގައި ބުނެފައި ވަނީ ސަރުކާރަށް އެއްވެސް ފައިސާއެއް ނުދައްކާ އޭގެ ބަދަލުގައި ސީއެސްއާރު ކޮމްޕޯނަންޓެއް ހިމަނައިގެން އެ ބިން ދިގު މުއްދަތަކަށް ދިން އިރު، ސީއެސްއާރާ ގުޅޭ އެއްވެސް ތަފުސީލެއް އެއްބަސްވުމުގައި ނެތް ކަށެވެ.