ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގެ މަސައްކަތުގައި އެޅޭ ކޮންމެ ފިޔަވަޅެއްގައި އުރީދޫ މޯލްޑިވްސްއިން އަންނަނީ ސަރުކާރާއެކު މަސައްކަތް ކުރަމުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ، އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާޒް ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ބިނާކުރުމުގައި ކުރެވެމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ މިދާއިރާ އިތުރަށް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ ތަނުގައި ކޮށްފައިވާ ކަމަށެވެ. މިގޮތުން ސަރުކާރުގެ ހިދުމަތްތަކަށް ތައާރަފްކޮށްފައިވާ "ވަންގަވް" އަދި "އީ-ފާސް" އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އޯ.ސީ.އެމް- އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ހުޅުމާލެއާ ގުޅާލެވިފައިވުމަކީ، ރާއްޖެ ޓެކްނޯލޮޖީގެ ހަބަކަށް ހެދުމަށް ކުރެވޭ މަސައްކަތުގައި ކުރިޔަށް އެޅުނު މުހިންމު ފިޔަވަޅެއްކަންވެސް ނައިބު ރައީސް ފާހަގަކުރެއްވި އެވެ. އަދި މިސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކާއިއެކު ހަލުވި، ބްރޯޑްބޭންޑް އިންޓަނެޓާއި މޮބައިލް އިންޓަނެޓް މިހާރު އެންމެނަށް އަތްފޯރާ ހެޔޮއަގުގައި ލިބެމުންދާކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖެ ތަރައްޤީކުރުމުގައި ބައިވެރިވެ ކުރަމުންދާ މަސައްކަތްތަކަށާއި، އަދި ޑިޖިޓަލް ރާއްޖެ ބިނާކުރުމުގައި އުރީދޫ ގްރޫޕާއި، އުރީދޫ މޯލްޑިވްސްއިން ބައިވެރިވެ ކުރަމުންދާ މަސައްކަތްތަކަށް، އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމުންނެވެ.
މިރަސްމިއްޔާތުގައި، އުރީދޫއިން ވަނީ، ނައިބު ރައީސަށް ހަނދާނީ ހަދިޔާއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާޒްގެ މޮޑެލްއެއް ވެދުމަށް އަރުވާފަ އެވެ.
ހުޅުމާލޭގައި އުރީދޫ މޯލްޑިވްސްއިން ބިނާކުރި އެކުންފުނީގެ އޮފީސް ޢިމާރާތަކީ، އެންމެ ޒަމާނީ އޮފީސް ޢިމާރާތެކެވެ.
މިއިމާރާތް ފަރުމާކޮށްފައި ވަނީ، ޒަމާނީ ވަސީލަތްތަކާއި، ޒަމާނީ ޓެކްނޮލިޖީގެ އެހީގައި މުވައްޒަފުންނަށް އުފެއްދުންތެރި މަސައްކަތްތައް ކުރުމަށް އެކަށީގެންވާގޮަތަށް ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާޙައުލެއް ލިބިދެވޭނެ ގޮތަށެވެ. މިގޮތުން މުވައްޒަފުންނަށް މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި، ޖިމާއި، ކުޑަކުދިންނަށް ޚާއްސަ އޭރިއާއެއް މިއިމާރާތުގައި ހުރެ އެވެ. އަދި ތިމާވެއްޓާއި ރައްޓެހި ގޮތަށް ބިނާކޮށްފައިވާ މި އިމާރާތަކީ، ގުދުރަތީ ވައި ދައުރުވާނެ ގޮތަށާއި، ޢިއާދަކުރަނިވި ޙަކަތަ އާއި ވާރޭފެން ރައްކާކޮށް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ އިމާރާތެކެވެ.