އަންނަ އަހަރު ބާއްވާ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމް ކެޓަގަރީގައި އިންޑިއާ އިން ވާދަކުރާ ފިލްމަކަށް، މަލަޔާލަމް ފިލްމު "2018: އެވިރީވަން އިޒް އަ ހީރޯ" ފޮނުވަން ނިންމައިފި އެވެ.
އަންނަ އަހަރު ބާއްވާ 96 އޮސްކާ އެވޯޑްސް އަށް ފޮނުވަން "2018" ހޮވުނީ 22 ފިލްމަކާއި ވާދަކޮށްގެންނެވެ. އިންޑިއާގެ އެކި ބަހުރުވައިން ހަދާފައިވާ ފިލްމުތަކެއް މިފަހަރުވެސް އޮސްކާއަށް ފޮނުވަން ހުށަހަޅާފައިވެ އެވެ. އެގޮތުން ހިންދީ ފިލްމުތަކުގެ ތެރެއިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އާއި "މިސިސް ޗަޓަރޖީ ވާސަސް ނޯރވޭ" އާއި ކެރަލާ ސްޓޯރީ އާއި "ގޫމަރު" އާއި "ޓުވެލްތު ފެއިލް" އަދި "އަބް ތޯ ސަބް ބަގްވާން ބަރޯސޭ" ހިމެނެ އެވެ.
އޮސްކާއަށް ފޮނުވަން ހޮވުނު ފިލްމަކީ 2018 ވަނަ އަހަރު ކެރަލާއަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ކުރިމަތިވާ އިންސާނީ ކާރިސާއެއް ދައްކުވައިދިން ފިލްމެކެވެ.
ފިލްމު "2018" ގެ ޑައިރެކްޓަރަކީ ޖޫޑް އެންތަނީ ޖޯސެފެވެ.
އޮސްކާ އަށް ފޮނުވާނެ ފިލްމެއް ކަނޑައެޅީ އެކަމަށް ހާއްސަ 16 މެމްބަރުންގެ ސިލެކްޝަން ކޮމިޓީއަކުންނެވެ.
މިއަހަރުގެ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ބޭރު ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން ފޮނުވި ފިލްމަކީ ގުޖުރާތީ ބަހުން ގެނެސްދިން "ޗެލޯ ޝޯ (ލާސްޓް ފިލްމު ޝޯ)" އެވެ.
އިންޑިއާ އިން އޮސްކާ އަށް ފިލްމުތައް ފޮނުވާތާ އެތައް އަހަރެއްވީ އިރު، މިހާތަނަށް އެންމެ މޮޅު ފިލްމު ކެޓަގަރީ އަށް ނޮމިނޭޓްވީ އެންމެ ތިން ފަހަރު އެވެ. އެއީ އާމިރު ޚާންގެ 2001 ގެ "ލަގާން" އާއި މީރާ ނައިރުގެ 1988 ގެ "ސަލާމް ބޮމްބޭ" ގެ އިތުރުން ނަރުގިސްގެ 1957 ގެ "މަދާ އިންޑިއާ" އެވެ. އެކަމަކު އެއްވެސް ފިލްމަކަށް އެ ކެޓަގަރީން އެވޯޑެއް ނުލިބެ އެވެ.
މިދިޔަ އަހަރު އިންޑިއާ އިން އޮސްކާ އެވޯޑެއް ހޯދާފައިވެ އެވެ. އެއީ ފިލްމު "އާރްއާރްއާރް" ގެ ލަވަ "ނާޓު ނާޓޫ ނާޓޫ" އަށް ލިބުނު އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑެވެ. އަދި ކަރްތިކީ ގޮންސަލްވެސް ޑައިރެކްޓުކޮށްފައިވާ ޑޮކިއުމެންޓަރީ "ދަ އެލެފެންޓް ވިސްޕަރާސް" އަށް ލިބުނު ކުރު ފިލްމު ކެޓަގަރީން އެންމެ މޮޅު ޑޮކިއުމެންޓަރީގެ އެވޯޑަކީ، އިންޑިއާގެ ފިލްމަކަށް ލިބުނު ފުރަތަމަ އޮސްކާ އެވޯޑެވެ.