ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ ވޯޓު ލިބުމުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ތިނަދޫ ސިޓީގައި މިރޭ ބޭއްވި ކެމްޕޭންް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ މުޅި ރާއްޖޭގެ ޖުމްލަ ވޯޓަށް ބަލާއިރު އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްވުމުން ޕީޕީއެމަށްވުރެެ ވޯޓު ގިނަވާނެ ކަމަށެވެ.

"މުޅި ޖުމްލަ ވޯޓަށް ބަލާއިރުގައި ވެސް އެމްޑީޕީއާއި ޑިމޮކްރެޓްސް އެއްވީމާ ޕީޕީއެމަށްވުރެ އަޅުގަނޑުމެންގެ ވޯޓު ގިނަ. ވަކިވަކި ރަށް ބެލި ނަމަވެސް. އަޅުގަނޑުމެން ދެބައި މީހުން އެއްވީމާ މެޖޯރިޓީ ނުލިބޭ ރަށެއް ދާދި މަދުން. އަޅުގަނޑުމެން ދެބައި މީހުން އެއްވީމާ މި އިންތިޚާބު މިއޮތީ ބޮޑުތަނުން ކާމިޔާބުވެފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި އެންމެ އެދެވޭ ގޮތަށް ނަތީޖާ ނުނިކުތީ ދޫކޮށްލެވިފައި ހުރި ކަންކަމެއް ހުރުމުން ކަމަށެވެ. އެމްޑީޕީގެ ސަޕޯޓަރުން ވޯޓުލާން ދިޔަތޯ ޔަގީން ކުރުމަށް އެމަނިކުފާނު މިރޭ ވަނީ އެދިވަޑައިގެންފަ އެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރާ ގުޅޭގޮތުން ދޮގު ވާހަކަތައް ފެތުރީ އެއީ ތެދެއް ކަމަށް ރައްޔިތުންނަށް ގަބޫލުކުރެވޭ މިންވަރަށް ކަމަށާއި އެއީ ފުރަތަމަ ބުރުގައި ދިމާވި ގޮންޖެހުމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އޭރު އެ ކަންކަން ރައްޔިތުންނާ ހިސާބަށް ތިލަނުކުރެވުނީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ހިތަކަށް ނާރާ ގައުމުގެ ވެރިކަން ކުރަން، ކޮށްފައި ތިބި ބައެއް އަދި ކުރަން އުންމީދުކުރާ ބައެއް ނިކުމެ މިފަދަ ބުހުތާނު ދޮގުތަކެއް ރައްޔިތުންނަށް ދައްކާނޭ،" ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލާފައިވާތީ އެކަމުގެ ހަގީގަތް ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ވެލިފުކެއް ވެސް ބޭރުގެ އެހެން އެއްވެސް ބަޔަކަށް މިލްކު ނުކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.