ކުވެއިތަށް ނިސްބަތްވާ ދެމަފިރިއަކު ކައިވެނި ކުރިތާ އެންމެ ތިން މިނެޓުގެ ތެރޭގައި ވަރިވެއްޖެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިކަން ހިނގާފައި ވަނީ ކައިވެނިކުރުމަށްފަހު ކޯޓުން ބޭރަށް ނުކުންނަނިކޮށެވެ.

އެވަގުތު އަންހެން މީހާ ވެއްޓުމުން އެންމެން ކުރިމަތީގައި ފިރިހެންމީހާ އޭނާ އާ ދިމާއަށް "ސްޓުޕިޑް" ނުވަތަ ގަމާރޭ ބުނެ އެވެ.

އެންމެންގެ ކުރިމަތީގައި ފިރިހެން މީހާ މިހެން ބުނުމުން އައި ރުޅީގައި އަންހެން މީހާ ވަނީ އެނބުރި ކޯޓު ތެރެއަށް ވަދެ ގާޒީ ކައިރީގައި އެ ދެމަފިރިން ވަރިކޮށްދޭން އެދިފަ އެވެ. "ކިޔު 8" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަންހެން މީހާގެ އެދުމުގެ މަތިން ގާޒީ ވަނީ ވަރިކޮށްދީފަ އެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ބައެއް މީހުން ވަނީ މި އަންހެން މީހާގެ ހިތްވަރަށް ތައުރީފުކޮށް ވާހަކަދައްކާފަ އެވެ. އަދި އެ ދެ މީހުންގެ ގުޅުމަކީ ކައިވެނިކުރި އިރުވެސް މާ ބަދަހިކޮށް އޮތް ގުޅުމެއް ނޫން ކަމަށް ވެސް ބައެއް މީހުން ވަނީ ތުހުމަތުކޮށްފަ އެވެ.

މީގެ އިތުރުން ގިނަ މީހުން ބުނެފައިވާ ގޮތުގައި ކައިވެނީގައި އެކަކު އަނެކަކަށް އިހުތިރާމުނުކުރާ ނަމަ އެއީ ފެށުމުގެ ކުރިންވެސް ނިމިފައި އޮތް ގުޅުމެކެވެ. އެހެން ކަމުން ވަރިވާން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށް އެ މީހުން ދެކެ އެވެ.

މިއާ ހިލާފަށް ބައެއް މީހުން ދެކޭ ގޮތުގައި އައި ރުޅީގައި ނަމަވެސް އޭނާ ނިންމީ ގޯސް ނިންމުމެކެވެ. އަދި ކުޑަ ކުޑަ ކަމެއްގެ ސަބަބުން އެވަރު ވާން ނުޖެހޭ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.