މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފަށައިފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ފަށާފައިވަނީ ހެނދުނު 8 ޖެހިއިރު އެވެ. ވޯޓުލާ ފެށުމުގެ 30 މިނެޓްކުރި ވޯޓުލާ މަރުކަޒުތަކުގައި ވަނީ ކިޔު ހަދާފަ އެވެ. މިއަދުގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު ފަހެއް ޖެހުމާ ހަމައަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ވޯޓު ފޮށިތައް ބަންދުކުރާ ވަގުތު ޖެހޭއިރު ކިޔުގައި ތިބި ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ވޯޓު ގުނަން ފަށާނީ ފޮށި ބަނދުކޮށް، 30 މިނެޓު ފަހުންނެވެ.

ދެވަނަ ބުރުގައި 586 ވޯޓްފޮށި ބަހައްޓާ އިރު، ވޯޓު ލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެ އެވެ. އެއީ، 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ. މިފަހަރު ލިސްޓަށް ވަނީ ފުރަތަމަ ބުރުގެ އަދަދަށް ވުރެ 408 މީހުން އިތުރު ވެފަ އެވެ. އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓްފޮށި ބަހައްޓަނީ ފަސް ގައުމެއްގަ އެވެ. އެއީ އިންޑިއާ އާއި ސްރީލަންކާ އާއި މެލޭޝިއާގެ އިތުރުން ޔޫއޭއީ އެވެ.

އިންތިޚާބީ މަރުކަޒުތަކުގައި އަދި ވޯޓުލާ މަރުކަޒު ހުންނަ ސަރަހައްދުތަކުގައި އޮބްޒާވަރުންނާއި މޮނިޓަރުން ހަރަކާތްތެރިވާނެ އެވެ.

މިފަހަރުގެ އިންތިޚާބުގައި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ 1،700 އަށްވުރެ ގިނަ ފަރާތްތަކުން ހަރަކާތްތެރިވެ އެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ.