މިވަގުތު ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ވޯޓު ނެގުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށާއމުޅި ނިޒާމު ގަނޑުބަނޑުކުރުމަކީ ގައުމަށް ހެޔޮ އެދޭ އެއްވެސް ރައްޔިތަކު ޤަބޫލު ކުރާނޭކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މާމިގިލި ދާއިރާ މެންބަރު ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނު ތަކާއި އެއްގޮތަށް ރިޔާސީ އިންތިހާބެއްގެ ދެ ބުރު ބޭއްވި، އެ އިންތިހާބު މެދުވެރިކޮށް ދިވެހިރައްޔިތުން ކުރިއަށް އޮތް ފަސްއަހަރުދުވަހަށް ރައީސުލް ޖުމްހޫރިއްޔާއަކާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބަކު އިންތިހާބު ކޮށް، އަދި ދިވެހިރައްޔިތުންނާއި، ބައިނަލް އަގްވާމީ މުޖުތަމައުން އެ އިންތިހާބުގެ ނަތީއްޖާ ޤަބޫލުކޮށްފައި ވަނިކޮށް، އިންތިހާބީ ރައީސް އާއި ނާއިބު ރައީސް މަޤާމުގެ ހުވާކުރުމުގެ ކުރީން ވެރިކަން ކުރަންވީ ކޮންނިޒާމަކުން ތޯ ބެލުމަށް އަލުން ނިޒާމެއް ވޯޓެއް ނެގުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށެވެ. އަދި ބައިނަލް އަގްވާމީ މުޖުތައުގައި އަމަލު ކުރާ އުސޫލު ތަކާއިވެސް މުޅީން ހިލާފުކަމެއްކަމަށާއި މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކުން އަމަލު ކޮށްފައިވާ ގޮތެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ..

"ދިވެހިރައްޔިތުން ކުރިއަށް އޮތް ފަސްއަހަރުދުވަހަށް ރައީސުލް ޖުމްހޫރިއްޔާއަކާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބަކު އިންތިހާބު ކޮށްފައި ވަނިކޮށް، ވެރިކަމުގެ ބާރުވެރިކަން ލިބުމުގެ ނިޔަތުގައި، ބާރުހުރި ފަރާތްތަކުން ގާނޫންއަސާސީ އާއި ގާނޫނީ ވެރިކަމާއި، ޑިމޮކްރަސީގެ އަސާސްތަކާއި ހިލާފަށް، ވެރިކަމުގެ ނިޒާމު ކުއްލި އަކަށް ބަދަލުކުރުމުގެ ވިސްނުމުގައި މުޅި ނިޒާމު ގަނޑުބަނޑުކުރުމަކީ ޤައުމަށް ހެޔޮ އެދޭ އެއްވެސް ރައްޔިތަކު ގަބޫލު ކުރާނޭކަމެއް ނޫން. އަދި ކޮށްގެންވާނެކަމެއް ވެސް ނުމެ ނޫން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި މިފަދަ ވޯޓެއް ނެގުމަކީ ދިވެހި ގައުމުގެ ސިޔާސީ އިޖުތިމާއީ އަދި އިގުތިސާދީ ހަމަޖެހުން ގެއްލި ފަސާދައަށް މަގުފަހިވެގެންދާނޭ ކަމެއް ކަމަށެވެ. އަދި ގައުމުގެ ހަމަޖެހުމާއި ކުރިމަގަށްޓަކައި ވެރިކަމުގެ ބާރުތައް ރައްޔިތުން އިންތިހާބު ކުރެއްވި ފަރާތްތަކާއި ހަވާލުކޮށް އަމާންކަމާއި އޮމާންކަމާއި އެކު ގައުމާއިގެން ކުރިއަށް ދިއުމަކީ މިއަދު ދިވެހި ގައުމުގެ ހައްގުގައި އެންމެ އިސް ވާޖިބުކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ވަކިޕާޓީއަކުން ތިމާމެންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުގެ ނާޖާއިޒު ފައިދާ ނަގައި، ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާ އެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން މިއުޅޭ ވޯޓަކީ ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލު ކުރާނޭ ވޯޓެއް ނޫންކަން އަދި ތާއީދު ކޮށްގެންވާނޭ ވޯޓެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުން ދިވެހި ރައްޔިތުންނަށް ލިބޭނޭ މަންފާއެއް ނެތްކަން ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށާއި ބަރުލަމާނީ ނިޒާމަކުން ފައިދާ ވާނީ މަޖިލިސް މެންބަރުންނާއި މަދުވޯޓުކޮޅަކުން މަޖިލީހަށް ވަޑައިގެން ބޮޑުވަޒީރުކަން ހޯއްދަވާ ފަރާތަށާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުންނަށް ޢައްޔަންކުރެވޭ މެންބަރުންނަށާއި ސަރުކާރު ހިންގުމަށް ހަވާލު ކުރާ ފަރާތްތަކަށް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.