ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދެވުމަށް އެކުލަވާލާ އިންތިގާލީ ކޮމެޓީގެ ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އަބްދުއްރަހީމް އަބްދުﷲ ރަސްމީކޮށް ހަމަޖައްސައިފި އެވެ.
އިންތިހާބީ ރައީސް މުއިއްޒުގެ ފަރާތްޕުޅުން ހުށަހެޅުއްވި އަބްދުއްރަހީމް އެ މަގާމަށް އައްޔަން ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުގައި މިއަދު ހެނދުނު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
އެގޮތުން މި ރަސްމިއްޔާތުގައި އަބްދުއްރަހީމް ރަސްމީކޮށް އެ މަގާމަށް ހަމަޖައްސަވާ އެކަމުގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ. އަބްދުއްރަހީމަށް އެ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް އެވެ.
މި ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސްބޭފުޅުންނާއި ސީއެސްސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެ އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް އަބްދުއްރަހީމް ހަމަޖައްސަވާފައިވާއިރު، ޓްރާންސިޝަނަލް މަރުހަލާއަށް އެންމެ ފުރިހަމަ ގޮތުގައި ވަގުތު ދެއްވުމުގެ ގޮތުން ޑރ. މުހައްމަދު މުއިއްޒު ވަނީ މާލެ ސިޓީ މޭޔަރުގެ މަސްއޫލިޔަތުތައް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ ވެސް ހަވާލުކުރައްވައިފަ އެވެ.
މުއިއްޒުގެ ގެކޮޅު މ. ދިމްޔާތުގައި މިހާރު ވަނީ އިންތިހާބީ ރައީސްގެ އޮފީހެއް ހުޅުވައިފަ އެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ މަނިކުފާނުގެ ފަރާތްޕުޅުން ކޮމިޓީއެއް އުފައްދަވައިފަ އެވެ. އެ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރު ކަމަށް އެ އޮފީހުން ބުންޏެވެ. ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.