ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ބައި އިލެކްޝަން ނުބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ހުސްވަނީ އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި ޕީޕީއެމްގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އިންތިހާބުވާ ގުޅިގެންނެވެ.

ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބުނެފައި ވަނީ މެންބަރަކު ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑި އަށް އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަންވާނެ ކަމަށެވެ.

އެހެން ނަމަވެސް އެ ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދެމެދު ހަ މަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ ހުސްވި ގޮނޑިއަށް މެމްބަރަކު އިންތިހާބު ކޮށްގެން ނުވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަ ތާރީހެއް އަދި އިލެކްޝަންސް ކޮމިޝަނުން ނިންމައިފައެވެ ނުވެ އެވެ.