ބޮލީވުޑްގެ ތަރި ސަންޖޭ ދަތުއަކީ އޭނާގެ ހަޔާތުގެ އެކި ދުވަސްވވަރުގައި ދިމާވި ކަންކަމަށްޓަކައި ގިނަ ބައެއްގެ ސަމާލުކަން ހޯދި ތަރި އެކެވެ.

އޭގެ ތެރެއިން އެއް ކަމަކީ އިންޑިއާގެ ހަތިޔާރު ގެންގުޅުމާ ބެހޭ ގާނޫނުގެ ދަށުން ހުކުމް ކުރެވި ޖަލުގައި އޭނާ ހޭދަކުރި ދުވަސްވަރެވެ. ވަރަށް ފަހުން ސަންޖޭ ވަނީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

ސަންޖޭ ބުނީ އޭނާ ޖަލުގައި ހޭދަކުރި ފުރަތަމަ ދުވަސްތަކުގައި އަކްޝޭ ކުމާރް، އަޖޭ ދޭވްގަން އަދި ޝާހްރުކް ޚާން ފަދަ ބޮލީވުޑްގެ ނަން މަޝްހޫރު ތަރިން އޭނާ ކައިރިއަށް އައިސް ހިތްވަރު ދިން ކަމަށެވެ.

"އަހަރެން ޖަލަށް ދާން ޖެހޭނެކަން އަހަންނަށް އެނގޭ. އެހެންވީމަ އެކަމާ ދޭތެރޭ އަހަންނެއް ނުވިސްނަން، ޖަލަށް ގޮސް އޭގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފިން" ސަންޖޭ ބުންޏެވެ.

ސަންޖޭ އިތުރަށް ބުނީ ޖަލުގައި ހުރި ދުވަސްވަރު ކެއްކުމާއި އަތްތެރި މަސައްކަތްތަކުގެ އިތުރުން ވެސް ކަސްރަތު ކުރުމުގައި އޭނާގެ ވަގުތުތައް ހޭދަކުރި ކަމަށެވެ. އަދި ޖަލުން ނުކުތީ ސިއްހަތު މާ ރަނގަޅު މީހެއްގެ ގޮތުގައި ކަމަށްވެސް އޭނާ ބުންޏެވެ.

1993 ވަނަ އަހަރު ފަސް އަހަރު ދުވަހަށް ސަންޖޭ ޖަލަށް ލީ އޭކޭ-53 ރައިފަލްއެއް ގެންގުޅުމުގެ ތުހުމަތު ސާބިތު ވުމުންނެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވުނު ނަމަވެސް އެކުށް ސާބިތުވެފައެއް ނުވެ އެވެ.

ސަންޖޭގެ ދިރިއުޅުން ދައްކުވައިދޭ ބައޮގްރަފީ ފިލްމު "ސަންޖޫ"ގައި އެ ދުވަސްވަރު ކަން ހިނގާ ދިޔަ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވެ އެވެ.