އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވުމަށް ނިންމަވާފައިވާ "ޕްރޯ-މޯލްޑިވްސް" ހާރިޖީ ސިޔާސަތަށް އޮސްޓްރޭލިއާ އިން ތައުރީފުކޮށްފި އެވެ.

ޑރ. މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވުމަށް ނިންމާފައިވާ ހާރިޖީ ސިޔާސަތަށް އޮސްޓްރޭލިއާ އިން ތައުރީފުކޮށް ފައި ވަނީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޕޯލް ވެސްލީ ސްޓެފަންސް އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިއަހަށް ކުރެވި އިހްތިރަމްގެ ޒިޔާރަތުގެ ތެރެއިން ދެއްކެވި ވާހަކަފުޅުގަ އެވެ.

އޮސްޓްރޭލިއާގެ ސަފީރުގެ އިންތިހާބީ ރައީސްއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ދެބޭފުޅުންގެ ވެސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ. އެގޮތުން ޑރ. މުއިއްޒުވަނީ އެމަނިކުފާނުގެ ޒައާމަތުގައި އޮސްޓްރޭލިއާ އެކު އޮތް ގުޅުން އިތުރު ހަރުފަތަކަށް ދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފަ އެވެ.

ތަޢުލީމީ ދާއިރާއިން ދިވެހި ދަރިވަރުންނަށް އޮސްޓްރޭލިއާ އިން ފޯރުކޮށްދެމުންދާ މަތީ ތައުލީމުގެ ފުރުޞަތާއި، އިންސާނީ ވަޞީލަތް ބިނާކުރުމަށް ވެދެއްވަމުންގެންދަވާ އެހީތަކަށްޓަކައި ޑރ. މުއިއްޒު ވަނީ އޮސްޓްރޭލިއާގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ދެ ގައުމުގެ ދެމެދުގައި މިހާރުވެސް އެކި ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުން ފާހަގަކުރައްވާ ފެށިގެންދާ އާ ދައުރުގައި މިގުޅުންތައް އިތުރަށް ފުޅާވެ ބަދަހިވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވި އެވެ.

އޮސްޓްރޭލިއާ ސަފީރުގެ ވާހަކަފުޅުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކުގައި އޮސްޓްރޭލިއާގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ސަފީރު ވަނީ ދެއްވައިފަ އެވެ

އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ އަރިހަށް އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން ގެންދަވަނީ ޒިޔާރަތްކުރައްވާ ބައްދަލުކުރައްވަމުންނެވެ. ރާއްޖެ އާއި އޮސްޓްރޭލިއާ އިން ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1974 ވަނަ އަހަރު އެވެ.