މި ސަރުކާރުން ކުރިއަށްގެންދާ ކަންކަން ހުއްޓާލަން އެންގުމުގެ ބާރު އިންތިޚާބީ ރައީސަށް ލިބިގެންނުވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

އޭޖީ ރިފްއަތު މިއަދު "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ހިދުމަތްތަކާއި އެ ނޫން ވެސް ވަކި ކަންތައްތަކެއް ނުކުރަން އެންގުމުގެ ގާނޫނީ ބާރެއް ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގައި، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއަކަށް ނެތް ކަމަށެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައި ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އަމަލުކުރަން ޖެހޭ އިޖުރާއަތުތަކާއި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެކަންކަމަށް އެހީތެރިވާން ޑައިރެކްޓަ އޮފް ޓްރާންސިޝަންގެ މަސްއޫލިއްޔަތު އަދާކުރާނެ ބޭފުޅަކު ސިވިލް ސާވިސް ކޮމިޝަނުން އައްޔަންކުރުމާ ގުޅޭގޮތުން އަމަލުކުރަންޖެހޭ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ ގާނޫނުއަސާސީގެ 107 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އިންތިހާބުކޮށް ވެރިކަމުގައި ދެމި ހުންނަވާނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ. ރިޔާސީ އިންތިހާބު ނިމުމަށް އާ ރައީސް ހުވާކުރެއްވުމާ ހަމައަށް އިންތިގާލީ މަރުހަލާ ވެސް ހިމެނޭނީ ރިޔާސީ ދައުރުގެ ތެރޭގައި ކަމަށް އޭޖީ ވިދާޅުވި އެވެ.

އެހެންކަމުން ނޮވެމްބަރު 17 ވަނަ ދުވަހާ ހަމައަށް މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ފުރިހަމަ ގާނޫނީ ބާރު އޮންނާނެ ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.

"އެ މުއްދަތާ ހަމައަށް މި ސަރުކާރުން ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ފުއްދުމަށްޓަކައި ކުރަން ޖެހޭ ކަންކަން އަދި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުން މަތީ ސަރުކާރުން ދެމިއޮންނަންވާނެ," ރިފްއަތު ވިދާޅުވި އެވެ.