ރާއްޖޭގެ ސިޔާދަތާއި މިނިވަން ކަމަށް އިހްތިރާމް ކުރާ ކޮންމެ ގައުމަކާ އެކީގައި ގާތް ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"އަލް ޖަޒީރާ" އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ގެންގުޅުއްވާނީ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ކަމަށެވެ. އެ ސިޔާސަތަށް ތާއީދު ކުރާ ކޮންމެ ބަޔަކާ އެކީގައި ގުޅުން ބަދަހި ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޗައިނާގެ ގުޅުމާ ބެހޭ ގޮތުން މުއިއްޒު ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށެވެ. އަދި އެ ގުޅުމުގެ ސަބަބުން ޗައިނާ އިން ރާއްޖެ އަށް ގިނަ އެހީތެރިކަން ފޯރުކޮށްދިން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޗައިނާ އިން ރާއްޖޭގެ ތަރައްގީ މަޝްރޫއުތައް ހިންގުމަށާއި އެ ނޫން ގޮތް ގޮތުން ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން ރާއްޖެ އަށް ކުރިއެރުން ލިބިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ޗައިނާ އިން ރާއްޖެ އާއި އެހެނިހެން ގައުމުތަކާ މެދު ގެންގުޅޭ ސިޔާސަތުގެ ތެރޭގައި އެ ގައުމެއްގެ ދާހިލީ ކަންކަމާ ނުބެހުން ހިމެނޭ. އެ ގައުމުގެ ޕޮލިސީއަކީ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން. ގައުމުގެ މަސްލަހަތާމެދު ސުވާލެއް ނުއުފެދޭ. އަޅުގަނޑުމެން ބޭނުން ހުރިހާ ގައުމުތަކާ އެކީގައި ވެސް ގުޅުން ބާއްވަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރެއްގައި ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާން ބޭނުންވެ އެވެ.

އިންޑިއާ އިން ދީފައިވާ ގިނަ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖަސައިދޭނެ ކަމުގެ ޔަގީން ކަން ވެސް ލިބިފައިވާ ކަމަށާއި އިންޑިއާއާ އެކީގައި ބޭއްވިފައިވަނީ ކާމިޔާބު ބައްދަލުވުމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދަރަނީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަދަދެއް ނެގީ އިންޑިއާ އިން. އަޅުގަނޑު ދެންނެވިން މިކަމުގައި ގޮތެއް ހޯދަން ޖެހޭ ކަމަށް. އަޅުގަނޑުމެން ބޭނުން ނޫން އިގްތިސާދު ވަކި އެއް ބައެއްގެ މައްޗަށް ބުރަވާކަށް. އެކަން އެ ބޭފުޅުން ގަބޫލު ކުރައްވާ. އެ ލޯނުތައް ރީފައިނޭންސް ކުރާނެ ގޮތްތަކެއް ހޯދަން އެބަ ޖެހޭ. ލޯންތައް އަނބުރާ ދެއްކުމަށް ވީހާވެސް ފަސޭހަ ގޮތްތަކެއް ހޯދަން ޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.