އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާގައި އެހީތެރިވުމުގެ ގޮތުން އެމެރިކާގެ ދެވަނަ މަނަވަރު މެޑިޓްރޭނިއަން އަށް މިސްރާބު ޖަހައިފި އެވެ.

އެމެރިކާގެ މަތިންދާ ބޯޓު އުފުލާ އެންމެ ބޮޑު މަނަވަރު މިހާރު ވެސް އޮތީ އެ ސަރަހައްދުގަ އެވެ. ބޭނުމަކީ ބޭނުންވެއްޖެ ހާލަތެއްގައި އިޒްރޭލަށް އެހީތެރިވުމެވެ.

އިޒްރޭލުން ގާޒާ ހިސާރުކޮށް ކާބޯތަކެއްޗާއި ފެންލިބުން މަނާކޮށްފައިވާއިރު، އދ. އާއި މުސްލިމް ގައުމުތަކުން ގެންދަނީ އެކަން ކުށްވެރި ކުރަމުންނެވެ. ގާޒާގައި ތާށިކޮށްފައިވާ މީހުނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގުހުޅުވައި ދިނުމަށް އިޒުރޭލުން އަންނަނީ ދެކޮޅު ހަދަމުންނެވެ.

އިޒްރޭލުގެ އަނިޔާވެރިކަން ހައްދުފަހަނަޅައިފި ކަމަށް ބުނެ އީރާނުން ގޮވާލާފައި ވަނީ ވަގުތު ފާއިތުވުމުގެ ކުރިން ގާޒާގައި ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލުމަށެވެ. އީރާނެކޭ އެއްފަދައިން ލުބުނާނުގައި ހަރަކާތްތެރިވާ ހިޒުބުﷲ ވެސް ވަނީ އިޒްރޭލަށް އިންޒާރުދީފަ އެވެ.

އެމެރިކާ އިން ބުނިގޮތުގައި އެގައުމުގެ މަނަވަރުތައް މެޑިޓްރޭނިއަން ކަނޑަށް ފޮނުވުމަކީ އީރާނަށް ދޭ މެސެޖެކެވެ. އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެފައި ވަނީ އިޒްރޭލުން ގާޒާއަށް ދޭ ހަމަލަތަކުގެ ތެރެއަށް އެހެން ބަޔަކު ވަދެއްޖެނަމަ އެމެރިކާގެ މަނަވަރުތައް ބޭނުންކޮށްގެން އެ ގައުމެއްގެ ދުވަސް ދުއަވާލާނެ ކަމަށެވެ.

ގާޒާގެ ރައްޔތިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކޮށް ދިނުމަށް އދ. ގެ ފަރާތުން އިޒްރޭލަށް އިލްތިމާސްކުރަމުން ދާއިރު، އެ ޖަމާއަތުން ވަނީ އެހީގެ ސާމާނު މިސްރަށް ގެންގޮސްފަ އެވެ. މިސްރަކީ ގާޒާއާ ހަމައެކަނި ބޯޑަރު ހިއްސާކުރާ ގައުމެވެ. އެ ބޯޑަރު އިޒްރޭލުން ވަނީ ބަންދުކޮށްފަ އެވެ.