ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި މެސެޖްކުރިކަމަށް ތުހުމަތުކޮށް ސަސްޕެންޑުކޮށްފައި ހުރި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އަލީ އާދަމް މަގާމުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވާން ފުރުސަތު ދިނުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފި އެވެ.
މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވަނީ އެ މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު އަލީ އާދަމަށް ދިނުމަށް ހުށަހަޅުއްވައިފަ އެވެ. އަދި ޖޭއެސްސީގެ ކަމާގުޅޭ ބޭފުޅުން ހާޒިރުކޮށް މައުލޫމާތު ސާފުކުރަންޖެހޭ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވި އެވެ.
އަލީ ހުސައިންގެ އެ ހުށަހެޅުއްވުމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ތާއީދުކުރައްވާފައިވާއިރު އެ ހުށަހެޅުން ފާސްވީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ޖޭއެސްސީން ބުނެފައިވަނީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އަލީ އާދަމް މަގާމުން ވަކިކުރަން ނިންމާފައިވާ ކަމަށެވެ. އޭނާ މަގާމުން ވަކިކުރަން ނިންމީ ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ގުޅައި އޭނާއަށް ޒާތީ އެތައް މެސެޖުތަކެއް ކޮށްފައިވާކަމަށް އޭނާ އަމިއްލައަށް އިއުތުރާފުވެފައި ވާތީ ކަމަށެވެ.
ޖޭއެސްސީން ބުނެފައިވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ޝަރީއަތުގެ ބޭރުން މެސެޖުކޮށް ރަހުމަތްތެރިކަން ބޭއްވުމަށާއި އެކި ވާހަކަތައް ދައްކާ އަދި ދެމަފިރިކަމުގެ ޒާތީ ގުޅުމުގެ މައުލޫމާތާއި އެނޫން ވެސް ޒާތީ މައުލޫމާތު ހިއްސާކޮށްފައިވާކަން ތަހުގީގަށް ލިބިފައިވާ ސްކްރީން ޝޮޓްތަކުން އެނގޭ ކަމަށެވެ.
ޖޭއެސްސީން ބުނީ އެކަމަށް އަލީ އާދަމް އިއުތިރާފު ވެސް ވެފައިވާ ކަމަށާއި އެ މެސެޖްތައް ހުރިގޮތަށް ބަލާއިރު އެއީ ނުރަނގަޅު މަގުސަދެއް އޮވެގެން، އެ ހަސްމު އެ ވަގުތު ހުރި ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުން ކުރި މެސެޖްތަކެއްކަން ސާބިތުވާ ކަމަށެވެ.