އިނގިރޭސި ޝާހީ އާއިލާގެ ދިރިއުޅުމުގެ މައްޗަށް ނެޓްފްލިކްސްއިން އުފައްދާ ދުރަށް ދައްކަމުން އަންނަ " ދަ ކްރައުން" ސީރީޒްގެ ހަތްވަނަ އަދި އެންމެ ފަހު ސީޒަން ބެލުންތެރިންނާ ހަމައަށް އަންނަން މިވަނީ ތައްޔާރުވެފަ އެވެ.

އެހެން ނަމަވެސް އެ ސީޒަން ނެރުމުގެ ކުރިން ވެސް އެ ސީރީޒްއާ ހެދި މިވަނީ ޝާހީ އާއިލާގެ މެދުގައި އިތުރު ނުތަނަވަސްކަމެއް އުފެދިފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި "ދަ ކްރައުން"ގެ އާ ސީޒަންގައި މަރުވެފައިވާ ޕްރިންސަސް އޮފް ވޭލްސް ޑައާނާގެ ރޫހު އެކި ފަހަރު މަތިން މިހާރުގެ ރަސްގެފާނު ޗާލްސް ތިންވަނައާ ވާހަކަ ދައްކަ އެވެ.

މި ވާހަކައަކީ ޑައާނާގެ ދޮށީ ދަރިފުޅު ވިލިއަމްއަށް މާ ކަމުދިޔަ ވާހަކައަކަށް ނުވެ އެވެ. އެކަމާ ބެހޭގޮތުން ވިލިއަމްގެ ރަހުމަތްތެރިއަކު ބުނީ ވިލިއަމް އެ ސީޒަން ނުބަލާނެ ކަމަށާއި އެހެން ނަމަވެސް އޭނާގެ މަންމައަށް އެގޮތަށް ކުޑައިމީސް ކޮށްފައިވާތީ ދެރަވާނެ ކަމަށެވެ.

ކަން އެހެން އޮތް ނަމަވެސް ޑައާނާގެ ހަގު ދަރިފުޅު ޕްރިންސް ހެރީ ހުރީ އެކަމަށް އެއްބަސްވެގެން ކަމަށް ބުނެވެ އެވެ. ހެރީއަށް ނެޓްފްލިކްސްއިން އަންނަނީ ފައިސާ ވެސް ދައްކަމުން ކަމަށް ބުނެވެ އެވެ.

މިއާއެކު ކުރިން ވެސް މައްސަލަ ޖެހިފައި އޮތް ޝާހީ އާއިލާގެ ތެރޭގައި ނުތަނަވަސްކަން އިތުރުވާނެ ކަމަށް މާހިރުން ބުނެ އެވެ. އެއާއެކު ދެބެންގެ މެދުގައި ރުޅިވެރިކަން ވެސް އުފެދޭނެ ކަމަށް ލަފާކުރެވެ އެވެ.

"ދަ ކްރައުން"އަކީ ފާއިތުވެދިޔަ ހަތް އަހަރު ތެރޭގައި އެންމެ މައްސަލަ ބޮޑު އެއް ސީރީޒްގެ ގޮތުގައި ފާހަގަވެފައިވާ ސީރީޒް އެކެވެ. އެހެން ނަމަވެސް ގިނަ ބައެއްގެ ތަރުހީބު ވެސް އެ ސީރީޒްއަށް ލިބެމުންދެ އެވެ.