އޯޕަން އޭއައިގެ އޭއައި އެޖެންޓެއް ކުންފުންޏެއް ހެކްކުރި އިރު، އެކަން އެނގުނީ ހަފުތާއެއް ފަހުން ކަން ހާމަވެއްޖެ އެވެ.
ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ 'ހަގިން ފޭސް' އަށް ވަދެގަތް އޯޕަން އޭއައިގެ އެޖެންޓް، ގިނަ ދުވަސްތަކެއް ވަންދެން އެ ކުންފުނި ހެކްކުރުމުގެ ހަރަކާތްތައް ހިންގާފައިވެއެވެ. ނަމަވެސް މި ހުރިހާ ކަމެއް ހިނގާ ދިޔައިރު އޯޕަން އޭއައި އަށް މިކަން ފާހަގަކުރެވިފައި ނުވާކަމަށް މި ތަހުގީގަށް އެނގިފައިވާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އޯޕަންއޭއައި އަށް އެކަން އެނގިފައިވަނީ ނުރައްކާ ކޮންޓްރޯލްކޮށް އެފްބީއައި އަށް މައުލޫމާތު ދިން ފަހުންކަން ތަހުގީގަށް މިހާރު ވަނީ އެނގިފަ އެވެ.
އިންސާނެއްގެ އެހީތެރިކަމާ ނުލައި އަމިއްލައަށް ނިންމުންތައް ނިންމައި އުނދަގޫ މަސައްކަތްތައް ކުރާ މި އެޖެންޓް، ޖުލައި މަހުގެ 9 ވަނަ ދުވަހު އޯޕަން އޭއައިގެ ރައްކާތެރި ޓެސްޓިން މާހައުލުން ބޭރުވާން މަސައްކަތް ކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭއައި އާލާތްތަކާއި މޮޑެލްތަކުގެ ރިޕޮސިޓަރީއެއްގެ ގޮތުގައި މަސައްކަތްކުރާ 'ހަގިން ފޭސް' އަށް ވަދެގަތުމުގެ ހަރަކާތް ފެށުނީ އޭގެ ދެ ދުވަސް ފަހުން، ޖުލައި 11 ގައެވެ. އަދި މިކަން ޖުލައި 13 އާ ހަމައަށް ދެމިގެންދިޔަ ކަމަށް އެ ކުންފުނީގެ ކޯ-ފައުންޑަރު ތޯމަސް ވުލްފް ވިދާޅުވި އެވެ.
މި ހެކްގެ ފަހަތުގައި ވަނީ އަމިއްލަ އެޖެންޓެއްކަން އޯޕަން އޭއައި އަށް ދެނެގަނެވުނީ އޭގެ ދުވަސްތަކެއް ފަހުންނެވެ. އަދި ދެ ކުންފުނީގެ މެދުގައި މިކަމާ ގުޅޭގޮތުން ފުރަތަމަ މުއާމަލާތެއް ހިނގާފައިވަނީ ޖުލައި 20 ގައެވެ. ޖުލައި 21 ވަނަ ދުވަހު އޯޕަން އޭއައި އިން ވަނީ އެ ކުންފުނީގެ އެޖެންޓެއް ކޮންޓްރޯލުން ނެއްޓި، 'ހަގިން ފޭސް' އަށް ވަދެގަތްކަން އާންމުކޮށް ހާމަކޮށްފަ އެވެ. މިއީ ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓުނު ކަމަކަށް ވީ ނަމަވެސް، މި އެޖެންޓް ކޮންޓްރޯލުން ނެއްޓިފައި އޮތް މުއްދަތާއި، އޯޕަން އޭއައި އަށް މިކަން އެނގުން ލަސްވި ސަބަބުތައް މީގެ ކުރިން ހާމަކޮށްފައެއް ނުވެއެވެ.
އޯޕަން އޭއައި އިން ބުނިގޮތުގައި މިއީ މީގެ ކުރިން ދުވަހަކުވެސް ހިނގާފައި ނުވާ ފަދަ ކަމެއް ކަމަށާއި، މިއީ އޭއައިގެ ރައްކާތެރިކަމަށް ލިބުނު މުހިންމު ފިލާވަޅެކެވެ. މި ހާދިސާ ބޭރުގެ މާހިރުންނާއެކު ދިރާސާކުރަމުންދާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ފަންނީ ރިޕޯޓެއް ޝާއިއުކުރާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ސައިބާ ސެކިއުރިޓީ މާހިރުން ވަނީ އޯޕަން އޭއައިގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާމެދު ސުވާލު އުފައްދާފަ އެވެ. އެ މާހިރުން ފާހަގަކުރާ ގޮތުގައި، އެޖެންޓް ކުރާ ކަންތައްތައް ނުބަލައި ދޫކޮށްލާފައި އޮތުމަކީ ނުވަތަ ކޮންޓްރޯލުން ނެއްޓުމުން ހުއްޓުވާނެ ގޮތެއް ނޭނގުމަކީވެސް ނުރައްކާތެރި ކަމެކެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މި އެޖެންޓަކީ އޯޕަން އޭއައިގެ އެންމެ ކުރިއަރާފައިވާ 'GPT-5.6 Sol' އަދި އާންމުނުކުރާ މޮޑެލްއެއް ބޭނުންކޮށްގެން އުފައްދާފައިވާ އެޖެންޓެކެވެ. މީގެ ކުރިން ކުރެވުނު ޓެސްޓުތަކުގައިވެސް މި އެޖެންޓް ވަނީ އޭގެ މޮނިޓަރިންގް ސިސްޓަމްތައް ކަނޑާލައި، މުސްތަގުބަލުގައި އުފައްދާ އޭއައި އެޖެންޓުތަކަށް ކުންފުނީގެ ހުރަސްތަކުން ސަލާމަތްވާނެ ގޮތުގެ އިރުޝާދުތައް ލިޔެ ބަހައްޓާފަ އެވެ.
އޯޕަން އޭއައި އިން 'ހަގިން ފޭސް' އަށް މިކަން އެންގިއިރު، އެ ކުންފުނިން ވަނީ މި މައްސަލަ އެފްބީއައި އަށް ހުށަހަޅާފަ އެވެ. އަމިއްލައަށް މަސައްކަތްކުރާ މިފަދަ އެޖެންޓުތަކަކީ އުފެއްދުންތެރިކަން އިތުރުކުރަން އެހީތެރިވާ އެއްޗެއް ނަމަވެސް، މިފަދަ ނުރައްކާތެރި ހާދިސާތަކުން ދޭހަވަނީ މިކަމުގައި ސަރުކާރުތަކުން ހަރުދަނާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ކަމަށް މާހިރުން ދެކެއެވެ.
"ސަރުކާރުން ޓޫރިޒަމަށް ވަންނަ ކޮންމެ ފަހަރަކު ވަނީ ފެއިލް"
ސައުދީގެ ކޯލިޝަނުން ހޫތީންނަށް ވައިގެ ހަމަލާތަކެއް ދީފި
ދަރިވަރުންގެ މުޒާހަރާއަށް ބޮލީވުޑް ތަރިންގެ ތާއީދު!