އިންޑިއާގެ ގައުމީ އިމްތިހާނުތަކުގެ ޕޭޕަރުތައް ލީކުވުމާއި ތައުލީމީ ނިޒާމުގައި ހުރި މައްސަލަތަކާ ގުޅިގެން، "ކޮކްރޯޗް ޖަނަތާ ޕާޓީ" (ސީޖޭޕީ) ހަރަކާތުގެ ދަށުން އެ ގައުމުގެ ކިޔަވާ ކުދިންނާއި ޒުވާނުން ކުރިއަށް ގެންދާ ބޮޑު އިހްތިޖާޖަށް މުޅި އިންޑިއާގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.
އެކި ސިޓީތަކުގައި ކުރިއަށްދިޔަ މި އިހްތިޖާޖުތަކުގައި ފުލުހުން ބާރުގެ ބޭނުންކޮށް ދަރިވަރުން ހުއްޓުވަން މަސައްކަތް ކުރުމާ ގުޅިގެން، ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ވަނީ ދަރިވަރުންގެ ހައްގުގައި އަޑުއުފުލައި، އެމީހުންގެ ކަންބޮޑުވުންތައް ހާމަ ކޮށްފަ އެވެ.
އެގޮތުން ސީނިއާ އެކްޓަރު ނަސީރުއްދީން ޝާހު އާއްމުކުރި ވަރުގަދަ ވީޑިއޯ މެސެޖެއްގައި، އަނިޔާ ތަހައްމަލުކުރަމުންދާ ދަރިވަރުންނަށް ހިތްވަރުދީ، ފުލުހުން ބާރުގެ ބޭނުންކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރި އެވެ.
އޭނާގެ އަންހެނުން ރަތުނާ ޕަތަކް ޝާހު އަދި ސީމާ ޕަހްވާ ފަދަ ފަންނާނުން ވަނީ ދަރިވަރުންނަށް ކުރާ އަނިޔާތަކާ މެދު ސުވާލު އުފައްދައި، ބޮލީވުޑްގެ އެހެން ފަންނާނުންވެސް މިކަމުގައި ހިމޭނުން ނުތިބެ އަޑު އުފުލުމަށް ގޮވާލާފަ އެވެ.
މީގެ އިތުރުން، ރާކީ ސާވަންތު ވަނީ ރޮމުން ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާންމުކޮށް، ދަރިވަރުންގެ ހައްގުގައި ސަރުކާރަށާއި ދިއްލީ ފުލުހުންނަށް ވަރުގަދަ ހަމަލާތަކެއް އަމާޒުކޮށްފަ އެވެ.
އާލިއާ ބަޓް ސޯޝަލް މީޑިއާގައި ހިއްސާކުރި އަސަރުގަދަ މެސެޖެއްގައި ބުނެފައިވަނީ، ދަރިވަރުންގެ ހިތްވަރާއި ގުރުބާނީ ފެނި ހިތް ހަލާކުވާ ގޮތްވި ނަމަވެސް، އެކުދިންގެ ސަބަބުން މުސްތަގްބަލާމެދު އުއްމީދު އާވެގެންދާ ކަމަށެވެ. ގައުމުގެ މުސްތަގުބަލަކީ އެ ދަރިވަރުން ކަމަށް އޭނާ ފާހަގަކުރި އެވެ.
ސަލްމާން ހާން ފާހަގަކުރި ގޮތުގައި، އިމްތިހާނު ޕޭޕަރުތައް ލީކުވުމަކީ ވަރަށް ސީރިއަސް މައްސަލަ އެކެވެ. އަދި ސުލްހަވެރިކަމާއެކު ދަރިވަރުން ކުރިއަށްގެންދާ މި އިޙްތިޖާޖުގައި ސިޔާސީ ކުލަ ނުޖެއްސުމަށާއި، ދަރިވަރުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އޭނާ ގޮވާލި އެވެ.
ސޯނޫ ސޫދު، ސާރާ އަލީ ހާން، ކަރީނާ ކަޕޫރު، އަދި ރާޖްކުމާރު ރާއޯ ފަދަ ތަރިންވެސް ވަނީ ދަރިވަރުންނަށް އަނިޔާ ކުރުމުގެ ބަދަލުގައި، އެމީހުންގެ އަޑުއަހައި، އޯގާތެރި ކަމާއެކު މަޝްވަރާގެ މަގު އިހްތިޔާރުކުރުމަށް ސަރުކާރަށް އިލްތިމާސް ކޮށްފަ އެވެ.
ހަމައެކަނި ސޯޝަލް މީޑިއާގައި މެސެޖުތައް އާންމުކުރުމުގެ ބަދަލުގައި، ބައެއް ފަންނާނުން ވަނީ އަމަލީ ގޮތުންވެސް ދަރިވަރުންނަށް ތާއީދު ކޮށްފަ އެވެ. އެގޮތުން، ހުމާ ގުރޭޝީ އަދި ސާގިބް ސަލީމް ވަނީ ދިއްލީގެ ޖަންތަރު މަންތަރަށް ގޮސް ދަރިވަރުންނާ ބައްދަލު ކޮށްފަ އެވެ. އެކްޓަރު އިމްރާން ހާން ވަނީ މުމްބާއީގައި ދަރިވަރުން ކުރިއަށްގެންދިޔަ ހިނގާލުމުގައި ބައިވެރިވެފަ އެވެ.
ކޮމެޑިއަން އަދި އެކްޓަރު ވީރް ދާސް ވަނީ އިންޑިއާގެ މުނިފޫހި ފިލުވުމުގެ ދާއިރާގެ ފަންނާނުންނަށް މެސެޖެއް ދެމުން، ޒުވާނުންގެ މިފަދަ ބޮޑު މައްސަލައެއްގައި އަޑު ނުުއުފުލައި ތިބުމަކީ ދެފުށް ކެހެރި ކަމެއް ކަމަށް ބުނެ، ދަރިވަރުންގެ ހައްގުގައި އެންމެންވެސް އަޑު އުފުލުމަށް އެދިފައެވެ.
މި އިހްތިޖާޖުތަކާ ގުޅިގެން ގައުމުގެ މުސްތަގުބަލު ކަމުގައިވާ ޒުވާނުންނާއި ދަރިވަރުންގެ ހައްގުތައް ރައްކާތެރިކޮށް، ތަޢުލީމީ ނިޒާމަށް އިންޞާފުވެރި ބަދަލުތަކެއް ގެނެސް ދިނުމަށް ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ދަނީ އެއް އަޑަކުން އަޑު އުފުލަމުންނެވެ.
ސަރުކާރުގެ 7 ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި
ދަރިފުޅަށް ގަނާ ކުރެވެމުން ދާނަމަ ދެނެގަންނާނީ ކިހިނެއް؟
ސައުދީ އިން އިޒްރޭލާ އެއްބައިވުމުން ނަތަންޔާހޫގެ ތައުރީފު