ސޯޝަލް މީޑިއާ ކުންފުނި މެޓާގެ ދަށުން ހިންގާ އިންސްޓަގުރާމް ބޭނުންކުރާ ފަލަސްތީނު މީހުންގެ އެކައުންޓް ބައޮގްރަފީގައި "ޓެރަރިސްޓް" ޖެހުނީ އޮޅުމަކުން ކަމަށް ބުނެ އެ ކުންފުނިން މައާފަށް އެދިއްޖެ އެވެ.

އިންސްޓަގްރާމްއިން ބުނީ އެކަން އެހެން ދިމާވީ އެ ޕްލެޓްފޯމްގެ އަރަބި ތަރުޖަމާކުރާ ސިސްޓަމަށް ޖެހުނު މައްސަލައަކުން ކަމަށާއި އެކަން މިހާރު ރަނގަޅު ކުރެވިފައިވާ ކަމަށެވެ.

އިންސްޓަގްރާމް ބޭނުންކުރި ފަލަސްތީނު މީހަކު ބުނީ އޭނާގެ ބައޮގްރަފީގައި އަރަބިން "ފަލަސްތީން، އަލްހަމްދުﷲ" ޖަހާފައިވާ އިބާރާތްކޮޅު އިނގިރޭސިއަށް ތަރުޖަމާ ކުރުމުން އަންނަނީ " އަލްހަމްދުﷲ، ފަލަސްތީނު ޓެރަރިސްޓުން މިނިވަން ކަމަށް ހަނގުރާމަ ކުރަނީ" ކަމަށެވެ.

އިންސްޓަގްރާމުން ފަލަސްތީނު ރައްޔިތުންގެ އެކައުންޓްތަކުގައި "ޓެރަރިސްޓް" ޖަހާފައި މިވަނީ އިޒްރޭލާއި ފަލަސްތީނުގެ ހަމާސްއާ ދެމެދު ވަރުގަދަ ހަނގުރާމައެއް ކުރިއަށް ދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަން ޖެހެ އެވެ.

މީގެ އިތުރުން ވެސް ފަލަސްތީނާއި ހަމާސްއާ އެއްކޮޅަށް އަޑު އުފުލާ އެ ޕްލެޓްފޯމުގައި ކުރާ ޕޯސްޓްތައް ރެސްޓްރިކްޓް ކުރެވިފައިވާ ކަމަށް ވެސް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

މި ހަނގުރާމައާ ގުޅިގެން އީޔޫއިން ވަނީ އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި މެޓާގެ ދަށުން ހިންގާ ފޭސްބުކްއާއި އިންސްޓަގްރާމްގައި ފަލަސްތީނަށް ހިތްވަރުދީ ކުރާ ޕޯސްޓުތައް ނެގުމަށް އިންޒާރުދީ މުހުލަތު ވެސް ދީފަ އެވެ.

މިއީ މެޓާއިން ފަލަސްތީނާ ދެކޮޅު މިފަދަ އަމަލުތައް ހިންގާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އެ ކުންފުނީގެ ޕްލެޓްފޯމުތަކުގައި ފަލަސްތީނުގެ އަޑު ކަނޑުވާލަން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.