އަންނަ އަހަރު ބާއްވާ ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވޯޓުލުން އޮންނާނެ ތާރީހެއް އަންނަ މަހު އިއުލާންކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުން މަޖިލީހުގެ ދައުރު އަންނަ އަހަރުގެ މޭ 28 އަށް ހަމަވާނެ އެވެ.
އެ ކޮމިޝަނުން މިހާރު ކުރަމުން އަންނަނީ މަޖިލިސް އިންތިޚާބީ ދާއިރާތަކުގެ އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓް ނިންމުމުގެ މަސައްކަތެވެ. އަދި އެ މަސައްކަތް ނިމުމުން ދާއިރާތަކަށް ވޯޓްލުމުގެ ހައްގުލިބިގެންވާ މީހުންގެ ލިސްޓްތައް ތައްޔާރުކޮށް ދުރާލާ އެ ލިސްޓްތައް އާއްމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އީސީ އިން ބުނެ އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ގާނޫނުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވޭނީ އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅުގައި ކަމަށެވެ. އަދި އިންތިޚާބުގެ ވޯޓުލުން އޮންނަ ދުވަސް ރޯދަމަހާ ދިމާވުން ވަރަށް ގާތް ކަމަށާއި ވޯޓުލުން އޮންނާނެ ދުވަހެއް އަންނަ މަހުގެ ތެރޭގައި އިއުލާންކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާފައި ވަނީ 2019 ވަނަ އަހަރުގެ އޭޕްރިލް 6 ވަނަ ދުވަހު އެވެ. 87 މެމްބަރުން ހޮވަން ޖެހޭ މަޖިލީހުގެ އިންތިޚާބަށް ހުޅުވާލުމުން އެފަހަރު ޖުމްލަ 407 ކެންޑިޑޭޓުން ނަން ހުށައެޅި އެވެ. އޭގެ ތެރޭގައި ހިމެނެނީ 9 ޕާޓީއަކުން ވާދަކުރި 217 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ނަން ހުށައެޅި 190 ކެންޑިޑޭޓޫންނެވެ. އެހެން ނަމަވެސް ވޯޓުގެ ކުރިން 16 ކެނޑިޑޭޓަކު ނަން އަނބުރާ ގެންދިޔަ އެވެ. އަދި އެކި ސަބަބުތަކާ ހުރެ 5 ކެންޑިޑޭޓެއްގެ ކެންޑިޑެސީ ވަނީ ބާތިލުކޮށްފަ އެވެ.
19 ވަނަ ރައްޔިތުން މަޖިލިހުގައި ތިއްބަވާ 87 މެމްބަރުންގެ ތެރެއިން 83 މެމްބަރުންނަކީ ފިރިހެނުންނެވެ. އަންހެން މެމްބަރުންގެ އަދަދަކީ 4 އެކެވެ.
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 6 ގޮނޑި އިތުރުވާނެ އެވެ. މިއާއެކު މަޖިލީހުގެ ގޮނޑީގެ އަދަދު 93 އަށް އަރާނެއެވެ. އަލަށް އިތުރުވާ 6 ގޮނޑީގެ ތެރޭގައި އެންމެ ބޮޑު 2 ސިޓީ ކަމަށްވާ މާލޭ ސިޓީއަށް އިތުރުވާ 2 ދާއިރާއަކާއި އައްޑޫ ސިޓީއަށް އިތުރުވާ ދާއިރާއެއް ހިމެނެ އެވެ. މީގެ އުތުރުން މާލެއަތޮޅާއި ބ އަތޮޅާއި، ގއ. އަތޮޅަށް ވެސް ދާއިރާއެއް އިތުރުވެ އެވެ.
އަންނަ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން އެކި ފަރާތްތަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން އެންމެ ބޮޑު ދެ ޕާޓީ އެމްޑީޕީ އާއި ޕީޕީއެމުން ވަނީ އާ މަޖިލީހުގައި ހިމެނޭ 93 ގޮޑިއަށް ވާދަކުރާނެކަން އިއުލާންކޮށްފަ އެވެ. މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދައްވާފައިވާ ދަ ޑިމޮކްރެޓުން ވެސް ހުރިހާ ގޮނޑިއަކަށް ވާދަކުރަން ވަނީ ނިންމާފަ އެވެ. އަމިއްލަ ބައެއް ފަރާތްތަކުން އިންތިޚާބުގައި ވާދަކުރާނެކަން އާއްމުކޮށް ތާއީދު ހޯދުމުގެ މަސައްކަތް މިހާރު ވެސް ވަނީ ފަށައިފަ އެވެ.