ސަލްމާން ޚާންއާއި ސަންޖޭ ދަތުއަކީ އެ ދެމީހުންގެ އެކުވެރިކަމަށްޓަކައި ބޮލީވުޑްގައި މަޝްހޫރު ދެ ތަރިންނެވެ. އެހެން ނަމަވެސް މި ދެތަރިންގެ އެކުވެރިކަމުގައި ވެސް މައްސަލަތަކެއް ޖެހުނެވެ.
އޭގެ ތެރެއިން އެއް މައްސަލައަކީ ބަތަލާ މާދޫރީ ޑިކްސިޓްގެ ސަބަބުން ޖެހުނު މައްސަލަ އެކެވެ. 90ގެ އަހަރުތަކުގައި ސަންޖޭއާއި މަދޫރީގެ ދެމެދުގައި އޮތް ލޯބީގެ ގުޅުން އެއްވެސް މީހަކަށް ސިއްރުވެފައެއް ނެތެވެ.
އޭގެ އެތައް އަހަރެއް ފަހުން ސަންޖޭ އޭނާގެ ހަޔާތުގެ މައްޗަށް ބައޯޕިކްއެއް ހަދަން ނިންމުމާއެކު މާދޫރީ ވަނީ އެ ފިލްމުގައި އޭނާގެ ނަން ހިމަނަން ބޭނުންނުވާ ކަމަށް ބުނެ ބައޮޕިކް ފިލްމުގެ ހިޔާލު ދޫކޮށްލުމަށް ސަންޖޭ ކައިރީގައި ބުނަން ސަލްމާންގެ ކިބައިން އެދިފަ އެވެ.
މާދޫރީގެ އެދުމުގެ މަތިން ސަލްމާން ސަންޖޭ ކައިރީގައި ބައޮޕިކް ރިލީޒް ނުކުރަން ބުނި ނަމަވެސް އެ އަޑަށް ބީރު ކަންފަތެއް ދީ ސަލްމާން އޭނާގެ ބައޮޕިކްގެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. ނަތީޖާއަކަށްވީ ދެތަރިންގެ މެދުގައި ނުތަނަވަސްކަން އުފެދުމެވެ.
ސަންޖޭ ދެކެ ސަލްމާން އިތުރަށް ރުޅިއައީ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް އެއް އިރެއްގައި ރައްޓެހިވެގެން އުޅުނު ރަންބީރު ކަޕޫރު ސަންޖޭގެ ބައޮޕިކްއަށް ހޮވުމުންނެވެ. މައްސަލަ ހޫނުވެ އެ ދެ އެކްޓަރުން އެތައް ދުވަހަކު ވާހަކަ ނުދައްކާ ވެސް ތިއްބެވެ.
ކަން އެހެން ދިމާވި ނަމަވެސް ސަންޖޭ ވަނީ އޭނާގެ ހަޔާތުގެ ވާހަކަ ފިލްމު "ސަންޖޫ" މެދުވެރިކޮށް ބެލުންތެރިންނަށް ކިޔައިދީފަ އެވެ. ރާޖްކުމާރު ހިރާނީގެ އެ ފިލްމަށް ބޮޑު ކާމިޔާބީއެއްވެސް ލިބުނެވެ.