ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ކުރަންފަށާފައި ހުރިކަންކަން ކުރިޔަށް އޮތް ދައުރުގައި ވެސް އިތުރަށް ފުރިހަމަކޮށް ކުރިޔަށް ގެންގޮސް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ފުލުހުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

މާލޭ އޭރިޔާގެ ކުރީ ސަފުގައި މަސައްކަތްކުރާ ފުލުހުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ފައިސަލް ވިދާޅުވީ ނިމިގެންދާ 5 އަހަރަކީ، ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ފަސް އަހަރު ކަމަށެވެ.

ފުލުހުންގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ ހާއްސަގޮތެއްގައި ''ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވިފައިވުން ފައިސަލް ފަހަގަ ކުރެއްވި އެވެ.

މާލޭ އޭރިޔާގެ ކުރީ ސަފުގައި މަސައްކަތްކުރާ ފުލުހުންނާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން: ފޮޓޯ: ޕޮލިސް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުންކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން، ޚާއްސަކޮށް، ކޯވިޑް-19ގެ ހާލަތުގައި، ފުލުހުން ކުރި މަސައްކަތްތައް ފައިސަލް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި އެކު މަގުމައްޗާއި، ކަނޑުދަތުރާއި، މަސައްކަތުގެ މާހައުލާއި، ގޭތެރޭގައި ދިމާވާ ކަންކަމުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފެށިފައި ހުރި މަސައްކަތްތަކާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފެށިފައި ހުރި މަސައްކަތްތައް ކުރިޔަށް ގެންގޮސް ދެއްވުމަށް ފައިސަލް ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މާލޭ އޭރިޔާގެ ކުރީ ސަފުގައި މަސައްކަތްކުރާ ފުލުހުންނާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން: ފޮޓޯ: ޕޮލިސް

މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައަށް ވަށައިޖެހޭ ހައްލެއް ހޯދުމަށްޓަކައި، ރިހެބިލިޓޭޝަން އައިލެންޑެއްގެ ގޮތުގައި ހައްދުންމަތީ ކަޅައިދޫ ތަރައްގީ ކުރަމުން އަންނަ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ހޭލުންތެރިކަން އިތުރު ކުރުމަށާއި، އަމާން މުޖުތަމައެއް ގާއިމް ކުރުމަށް ފުލުހުންނާއިއެކު ކުރެވުނު މަސައްކަތްތައް ފާހަގަކުރައްވައި ދިވެހި ފުލުހުންގެ ހިދުމަތަށް އެމަނިކުފަނު ޝުކުރު އަދާކުރެއްވި އެވެ.