ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީން ހުށަހެޅި ގަރާރު ކުރިއަށް ގެންދަން މިއަދު ތާވަލުކުރި ޖަލްސާ ކުރިއަށް ނުގެންދެވުމުން މާދަމާގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރުމަށް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އިތުބާރު ނެތްކަމުގެ ގަރާރު ކުރިއަށް ގެންދަން މިއަދަށް ތާވަލުކުރި ޖަލްސާ، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަދިވެސް އާލާސްކަންފުޅާ އުޅުއްވާތީ އެޖަލްސާ ވަނީ ކެންސަލުކޮށްފަ އެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ރައީސްގެ އިތުބާރު ނެތްކަމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީންއާއްމު ނިޔުޝާ ވިދާޅުވީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ބ. ގައިވާ ގޮތުގެ މަތިން އަދި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ނ. ގައި ބަޔާންކުރާ މުއްދަތު ދިނުމަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ މައްސަލަ އެ ގަރާރު ހުށަހަޅަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާން ކުރާތީ މިއަދުގެ ޖަލްސާއަށް އެ ގަރާރު އެޖެންޑާކުރި ކަމަށެވެ.
މީގެ އިތުރުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ބަހުސް ހިނގާ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ދިފާއުގައި ވާހަކަ ދެއްކުމުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައިވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގަތުމުގެ ދައުވަތު ނަޝީދަށް ދެއްވާފައިވާ ކަމަށް ނިޔުޝާ ވިދާޅުވި އެވެ.
އެހެންކަމުން މާދަމާގެ ޖަލްސާއަށް ވެސް މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރާނެކަމަށް ވިދާޅުވެ ވަނީ ޖަލްސާ ނިންމާލައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ދެވަނަ ފަހަރަށް ހުށަހެޅީ މި މަހުގެ 9 ވަނަ ދުވަހު އެވެ. މި މައްސަލައިގެ ނޯޓިސް ނަޝީދާއި މެންބަރުންނަށް ފޮނުއްވީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް ނަޝީދަށް 30 މިނެޓް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މި މަހުގެ 18 ވަނަ ދުވަހު ވަނީ ނިންމައިފަ އެވެ.
ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ފާސްކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ތުރީލައިން ވިޕް ނެރެފަ އެވެ. ތުރީލައިން ވިޕް ނެރުމާ ގުޅިގެން ނަޝީދު މަގާމުން ވަކިކުރުމަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް މަޖުބޫރުވާނެ އެވެ.
ނަޝީދު ރިޔާސަތުގައި އިންނަވައިގެން، އަންނަ މަހު 17 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ހުވާ ސައްހަ ނުވާނެ ކަމަށާއި، އެ މަނިކުފާނުގެ ކެބިނެޓަށް ވެސް ރުހުން ނުދޭނެ ކަމުގެ އިންޒާރު ވެސް އެމްޑީޕީން ވަނީ ދީފަ އެވެ.